ޝައިޚް ޚަލީފާގެ އާއިލާއަށް ތައުޒިޔާ ދަންނަވަން ރައީސް ޔޫއޭއީއަށް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުރާވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.

އުމުރުފުޅުން 73 އަހަރުގެ ޔޫއޭއީގެ ރައީސް އަވަހާރަވީ ހުކުރު ދުވަހުއެވެ.

ޝައިޚް ޚަލީފާއަށް 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހި، ސާޖަރީއެއް ހެދި ފަހުން ރައީސްގެ ގިނަ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނެވީ ކޮއްކޯފުޅު އަދި އަބޫދާބީގެ ވަލީ އަހުދު ޝައިޚް މުޙައްމަދު ބިން ޒައިދުއެވެ.

ޔޫއޭއީގެ ރައީސް ކަމަށް ޝައިޚް މުޙައްމަދު އިއްޔެ ވަނީ އައްޔަންކޮށްފައެވެ.

comment ކޮމެންޓް