ދެދޯނި ދޭތެރޭ ފިތިގެން މަރުވި ޢަބްދުﷲގެ މޭކަށީގެ ގިނަ ކަށިތައް ހުރީ ބިނދިފައި

ޢަބްދުﷲ އަޙުމަދު --

މ. ކޮޅުފުށި ކައިރީގައި އިއްޔެ ދެ ދޯނި ކައިރިކޮށްގެން އުޅުމުގެ ތެރޭގައި ފިތިގެން މަރުވި، ބ. ހިތާދޫ ޢަބްދުﷲ އަޙުމަދުގެ އެކްސްރޭއިން ދައްކާ ގޮތުގައި، އޭނާގެ މޭކަށީގެ ގިނަ ކަށިތައް ވަނީ ބިނދިފައި ކަމަށް މ. މުލީ ރީޖަަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

މުލީ ރީޖިނަލް ހޮސްޕިޓަލުގެ މެނޭޖަރު އަޙުމަދު ނާފިޒް މިއަދު "ސަން" އަށް ވިދާޅުވީ، އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 5:15ހާއިރު ކަމަށެވެ. އަދި މުލީ ރީޖިނަލް ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކާއި ދެ ނަރުހުން ހިމެނޭ ޓީމެއް، އެމްއެންޑީއެފްގެ ހާބަ ޕެޓްރޯލްގައި، ހާދިސާ ހިނގި ތަނަށް ދިޔަ ކަމަށެވެ.

އެ ޓީމުގެ މެޑިކަލް އޮފިސަރު ގޮސް ޢަބްދުﷲ ބެލުމަށްފަހު، އޭނާ އެވަގުތުވެސް މަރުވެފައިވާކަމަށް ބުނި ކަމަށް ނާފިޒް ވިދާޅުވިއެވެ. ނަމަވެސް އިތުރު ޓެސްޓުތައް ހެދުމަށް މުލީ ރީޖިނަލް ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް ނާފިޒު ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުގައި އީސީޖީ ސްކޭނަކާއި އެކްސްރޭއެއް ނެގި ކަމަށާއި، އެކްސްރޭއިން ދައްކާ ގޮތުގައި، ޢަބްދުﷲގެ މޭކަށިގަނޑުގެ ގިނަ ކަށިތައް ބިނދިފައިވާކަން ފާހަގަވި ކަމަށް ނާފިޒު ވިދާޅުވިއެވެ.

ޢަބްދުﷲއާއެކު ދޯނީގެ ފަރާތުން ހޮސްޕިޓަލަށް ދިޔަ މީހާއާ ހަވާލާދީ ނާފިޒް ވިދާޅުވީ، މުދާ އުފުލާ ދޯންޏެއްކަމުން، އެ ދޯނި ދިޔައީ މާލެއިން ފުރައިގެން އައްޑޫއަށް ދަތުރު ކުރަމުން ކަމަށެވެ. އަދި ދުވަހަކީ ފުދޭވަރަކަށް ކަނޑު ގަދަ ދުވަހަކަށްވާތީ، މ. ތުވަރު ކައިރީގައި މަޑުކޮށްލީ ކަމަށެވެ.

"މި އަތޮޅުގައި އޮންނާނެ ތުވަރު ކިޔާ ފަޅު ރަށެއް. އެ ފަޅު ރަށުގެ ބޭރުގައި ތިމަންނަމެން މަޑުކޮށްލާށޭ ބޭނުންވީ، މަޑުކޮށްލާފަ މިއަދު ހެނދުނު ފުރައިގެން ދާ ކަހަލަ ގޮތަކަށޭ ވާހަކަ ދެކެވުނީ،" ދޯނީގެ ފަޅުވެރިއަކާ ހަވަލާދީ ނާފިޒު ވިދާޅުވިއެވެ.

އެހެންކަމުން އެ ދޯނި އެއްކޮށް ބަނދެލަން އުޅުނީ ކަމަށާއި އެއްކޮށްލަން އުޅުމުގެ ތެރޭގައި، ދޯނީގެ މަތިކަންމަތިން ކަހާލައި، ދެ ދޯނި ދޭތެރެއަށް ޢަބްދުﷲ ވެއްޓުނީ ކަމަށް ދޯނީގެ ފަޅުވެރިޔާ މައުލޫމާތު ދިން ކަމަށް ނާފިޒު ވިދާޅުވިއެވެ.

މީގެ އިތުރުން ނާފިޒު ވިދާޅުވީ ޢަބްދުﷲގެ އާއިލައިން ބޭނުންވީ ވީހާވެސް އަވަހަކަށް ހަށިގަނޑު މާލެ ގެންނަން ކަމަށާއި އެހެންކަމުން މިއަދު ހެނދުނު ހަށިގަނޑު މާލެ ގެނެސްފައިވާކަމަށެވެ.

ޢަބްދުﷲގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ނަމާދަށްފަހު، އާސަހަރާ މިސްކިތުގައި ކަމަށް ބ. ހިތާދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޢަޒީޒް މުޙައްމަދު ވިދާޅުވިއެވެ.

މިފަދަ ހާދިސާތަކަށް ފުުރުސަތު ނުދިނުމަށްޓަކައި، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށްފަހު މިފަދަ މަސައްކަތް ކުރިއަށް ގެންދިއުމަށް ނާފިޒު އިލްތިމާސް ކުރެއްވިއެވެ.

"މިކަހަލަ ބޮޑެތި އެއްޗެހި ހިފައިގެން ދަތުރުކުރާއިރު، މީހުންގެ ސޭފްޓީއަކީ ވަރަށް މުހިންމުކޮށް ބަލަންޖެހޭ އެއްޗެއް،" ނާފިޒް ވިދާޅުވިއެވެ.

އެހެންކަމުން ދޯންޏާ ހަވާލުވެގެން އުޅޭމީހުން، ޚާއްޞަކޮށް ކަނޑު ގަދަ ދުވަސްވަރު ސަމާލުވާން ވާނެކަމަށާއި ދޯނި ބަންޑުންޖަހާލުން ފަދަ ހާދިސާތަކުން ވެސް ސަލާމަތް ވެވޭނީ އޭރުން ކަމަށް ނާފިޒް ވިދާޅުވިއެވެ.

comment ކޮމެންޓް