ޑރ. ފައިސަލްގެ ތަޖުރިބާއިން: ކުޑަކުދިން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާ ސަބަބުތައް

ބެލެނިވެރިއަކު ކުޑަކުއްޖަކު ގޮވައިގެން ދަނީ-- ސަން ފައިލް ފޮޓޯ

ކުޑަކުދިން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާ ބަލިތަކުގެ ވާހަކަ ދެއްކުމުން، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޑރ. އަޙްމަދު ފައިސަލް އެންމެ ފުރަތަމަވެސް ވިދާޅުވީ، އެކި އުމުރުގެ ކުދިން އާއްމުކޮށް ދައްކަންޖެހޭ ސަބަބުތައް ތަފާތުވާނެ ކަމަށެވެ.

އާއްމުގޮތެއްގައި އަހަރެއްނުވާ ކުޑަކުދިން ޑޮކްޓަރަށް ދައްކަން ޖެހެނީ ހެދިބޮޑުވުމުގައި ދިމާވާ ކަންކަމުން ކަމަށް ވިޔަސް، އަހަރެއް ވުމަށްފަހު ގިނައީ އަންއިންޓެންޝަނަލް ނުވަތަ ކޮށްލެވޭ ކަމަކުން ޑޮކްޓަރަށް ދައްކަން ޖެހުން ކަމަށް ރާއްޖޭގެ ސިއްހަތާބެހޭ ތަފާސްހިސާބުތަކުންވެސް ދައްކައެވެ.

އެއް މަހަށްވުރެ ތުއްތު ކުދިން، ގެއަށް ދޫކޮށްލުމަށްފަހު އެނބުރި ހޮސްޕިޓަލަށް ދަނީ އެންމެ ގިނައިން ރީނދޫވުމާއި، ނޫފައިގަތުމުގެ އިތުރުން ނޭވާލުން އަވަސްވެގެން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ކުޑަކުދިންގެ ޑޮކްޓަރު ފައިސަލް-- ސަން ފައިލް ފޮޓޯ

ރީނދޫވުން

ރީނދޫވާން ދިމާވާ ބައެއް ސަބަބުތައް ކަމަށް ޑރ. ފައިސަލް ވިދާޅުވީ، މަންމަގެ ލޭގެ ގްރޫޕާއި ތުއްތު ކުއްޖާގެ ލޭގެ ގްރޫޕް ދިމާނުވުމެވެ.

"މިސާލަކަށް މަންމަ އޯ ވެފަ ބޭބީ ވެދާނެ އޭ ނޫނީ ބީ. ނުވަތަ އޭބީ. ނޫނިއްޔާމުން މަންމަގެ ހުރެދާނެ ނެގެޓިވް، ބޭބީގެ ހުރެދާނެ ޕޮޒިޓިވް. ނޫނީ ޖީސިކްސްޕީޑީ ދަށްވުން. އެ ތިން ކަންތައް އުޅޭނީ،" އާއްމުކޮށް ކުދިން ރީނދޫވާ ތިން ސަބަބެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ޖީސިކްސްޕީޑީއަކީ ހަދާ ޓެސްޓެއް. އޭތީގަ ދަށްކޮށް ހުރެއްޖެއްޔާ ކިޔާނީ ޖީސިކްސް ޕީޑީ ދަށްވުމޭ،"

ޖީސިކްސްޕީޑީ އަކީ އާއިލީގޮތުން ވާރުތަވާ އެއްޗެއް ކަމަށާއި އެ ދަށްވާ ކުދިން ރީނދޫވުން އަވަސްވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި އޮންނައިރު ކުދިން ރީނދޫވާނަމަ ޑޮކްޓަރުން ނުވަތަ ނަރުހުން އެކަން ފާހަގަކޮށް، ފަރުވާ ދެވެއެވެ. ނަމަވެސް ގެއަށް ދޫކޮށްލުމަށްފަހު ކުއްޖާ ރީނދޫވެއްޖެނަމަ، އެކަން މައިންބަފައިން ދެނެގަންނަން ޖެހެއެވެ. އަދި ޑޮކްޓަރަށް ދައްކަން ދާން ޖެހެއެވެ.

"ރީނދޫވާނަމަ ބޮޑަށް ފެންނާނީ ލޮލުން. ދެން އޭގެ ފަހުން (ރީނދޫވާ ލެވެލް) މަތިވާ ވަރަކަށް، ބޮޑީގެ ތިރިއަށް ދާނީ. މިސާލަކަށް ޗެސްޓް. އޭގެފަހުން ފައިތިލަ، އަތްތިލަ،"

ޑޮކްޓަރު ވިދާޅުވީ، ފައިތިލައާއި އަތްތިލަ ރީނދޫ ވެއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދައްކަން ޖެހޭނެ އެވެ.

ހުޅުމާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނޭވާލުން އަވަސްވުން ނުވަތަ ނޭވާ ކުރުވުން

މި އުމުރުގެ ކުދިން އާއްމުކޮށް ނޭވާލާ ގޮތާ ތަފާތުކޮށް ނޭވާލާނަމަ، އެކުދިން ޑޮކްޓަރަށް ދައްކަން ޖެހޭނެއެވެ.

"އާއްމުގޮތެއްގައި ބޭބީ ނޭވާލާނީ އަވަސްކޮށްލާފަ، ލަސްކޮށްލާނީ. ދެން އަނެއްކާ އަވަސްކޮށްލާފަ ލަސްކޮށްލާނީ. އެކަމު ލަސްމިން ނައިސް އަބަދު އަވަސްވެފަ ހުރުން އެއީ އަސްލުގަ ނޭވާލުން އަވަސްވުމަކީ،"

ރީނދޫވުމާ އެއްގޮތަށް، ނޭވާލުން އަވަސްވާނަމަވެސް އަވަހަށް ޑޮކްޓަރަށް ދައްކަންވާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ނޫފައިގަތުން

ކުއްޖާގެ އަތް ނުވަތަ ފައި ގުދުރަތީގޮތުންވެސް ނޫފައިގަނެދާނެ ކަމަށާއި ނުވަތަ މާބޮޑަށް ފިނި ވުމުގެ ސަބަބުންވެސް ނޫފައިގަތުން އެކަށީގެންވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެއީ ބައްޔެއް ނޫން ކަމަށާއި، ހޫނު ކޮށްލުމުން އެކަމަށް އަވަސް ފަރުވާއެއް ލިބިގެންދާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ކުޑަދަރިފުޅަށް ހޫނުކޮށްލުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ބްލޭންކެޓަކަށްލުން، އޭސީ ނުވަތަ ފަންކާ ނިވާލުން ހިމެނެއެވެ.

"އެކަމަކު ނޫފައިގަތިއްޔާ އެބަޖެހޭ އެއީ ފުއްޕާމޭގެ ކަމެއްތޯ ބަލަން، ހިތުގެ ކަމެއްތޯ ބަލަން،"

ނޫފައިގަތުން ރަނގަޅުވި ނަމަވެސް މި ޓެސްޓުތައް ހަދާލުން މުހިންމުކަމަށް ޑޮކްޓަރު ދެކިލައްވައެވެ.

މީގެ އިތުރުން، ފިޓް ޖެހިގެންވެސް ކުދިން ޑޮކްޓަރަށް ދައްކަން ދާކަން ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.

އެއް މަހާ ހަ މަހާ ދޭތެރޭ އާއްމުކޮށް ޑޮކްޓަރަށް ދައްކަން ދަނީ ހުން އަހިސް ރޯގާ ޖެހިގެންނެވެ.

"އެކުދިންގެ ޑިޕެންޑްސް. ބައެއްފަހަރަށް ޑެންގީހުމާ އެއްޗެހި ތަންކޮޅެއް ގިނަވާނެ. ނިއުމޯނިއާ, ޑައިރިއާ، ސްކްރަޕްޓައިޕަސް ގިނަވާނެ އެ އޭޖުގަ."

ކުޑަކުދިންނާމެދު ސަމާލުވާންވީ ކޮން ކަންތައްތަކަކަށް؟

ރާއްޖޭގައި ވަރަށް ގިނަ މީހުންނަށް އެ މައުލޫމާތު އެނގޭކަން ފާހަގަ ކުރައްވަމުން ޑޮކްޓަރު ވިދާޅުވީ، ކިރާކާޑު ޗެކްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

"(ކިރާ ކާޑުގައި) ލައިންތަކެއް ހުރެއެއްނު. އެ ލައިންތަކާ އެއްގޮތަށް ދާން ޖެހޭނީ. އޭގައި ތަފާތުތައް ހުރުމާއި، އެއް މަހުގައި ނުވަތަ ދެ މަހުގައި ވާ ކަންތައްތައް ހުންނާނެ [ކިރާ ކާޑުގެ] ފަހަތުގަ ލިޔެފަ. އެ ކަންތައްތައް ދިމާނުވުން،"

އެ ދެ ކަންތައް ދިމާނުވާނަމަވެސް ޑޮކްޓަރަށް ދައްކަން ޖެހޭނެކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.

"ކިރާކާޑު އަބަދުވެސް ޖެހޭނެ ކިޔަން،" ޑރ އިތުރަށް ފާހަގަ ކުރެއްވިއެވެ.

ކިރާކާޑުގެ ރޮނގުތަކާއި ޚިލާފަށް ކުއްޖާ ހެދިބޮޑުވަމުން ދިއުމާއި، ކިރާ ކާޑުގައިވާ ފަދައިން، ކުއްޖާއަށް އެކި މަސްމަހުގައި ދިމާވާނެ ކަންތައްތައް ނުވުމަކީވެސް މައްސަލައެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ޑޮކްޓަރަށް ދައްކައިގެން، މައްސަލައެއް ހުރިތޯ ބެލުން ވަރަށް މުހިންމުވާނެ. ކީއްވެގެންތޯ، ހެދިބޮޑުވާންވާ ވަރަށް ހެދިބޮޑުނުވަނީ، އެއެއްބަލާފަ، ދަށްވާ ސަބަބަކަށް ފަރުވާ ކުރާނީ."

ދެހާސް ވިހިވަނަ އަހަރުގެ ރާއްޖޭގެ ހެލްތް ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުގައި، އުމުރުން ފަސް އަހަރާ 14 އަހަރާ ދެމެދުގެ ކުދިން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައި ވަނީ ނޭނގިވާ އަނިޔާ ނުވަތަ އަންއިންޓެންޝަނަލް އިންޖަރީސް އިންނެވެ. އޭގެ ތެރެއިންވެސް ގިނައީ ފިރިހެންކުދިން ކަމަށް ތަފާސްހިސާބުން އިން ދައްކައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން، ފަސް އަހަރާ ނުވަ އަހަރާ ދެމެދުގެ އަންހެންކުދިން އެންގެ ގިނައިން ޑޮކްޓަރަށް ދައްކަނީ ބަނޑުދިޔާވުމުގެ ސަބަބުންނެވެ. އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެންކުދިން އެންމެ ގިނައިން ޑޮކްޓަރަށް ދައްކަނީ ޔޫރިން އިންފެކްޝަންގެ ސަބަބުންނެވެ.

"ހުމާ، ދެން ބައެއްކުދިން ކުޑަކަމުދާން އުޅޭއިރު، ތަދުވާތީ ހިފަހައްޓަން އުޅޭނެ. އަނެއްބައިކުދިން އަވަސް އަވަހަށް ކުޑަކަމުދާނެ،"

އެކަމަށް އިޝާރާތް ކުރައްވައި ޑޮކްޓަރު ވިދާޅުވީ، ތަންތަނުން ވެއްޓިގެން ވަރަށް ގިނަކުދިން ޑޮކްޓަރަށް ދައްކާ ކަމަށެވެ.

"އަންނާނެ ބޯފަޅައިގެން ގޮސްގެން ނޫނިއްޔާ އެނދުމަތިން ވެއްޓިގެން. ފުރޮޅެން ފެށީމަ އާއްމުކޮށް ވެއްޓެނީ. އެހިސާބުން ފަށައިގެން އިންޖަރީސްތައް ތަންކޮޅެއް ގިނަވާނެ،"

އޭގެ އިތުރުން ތަންތަން ފިހިގެން ވެސް ކުދިން ޑޮކްޓަރަށް ދައްކާކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.

"އަންއިންޓެންޝަނަލް އިންޖަރީސްއަކީ އަބަދުވެސް ޕްރިވެންޓް ކުރެވިދާނެ އެއްޗެއްތާ. މި ދެންނެވީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިއްޔާ މަދުކުރެވޭނެ ކަމެއް،'" ފައިސަލް ވިދާޅުވިއެވެ.

"މިސާލަކަށް ރާއްޖޭގައި ކުޑަކުދިން މަރުވާ އެއް ސަބަބު އެއީ ޑްރައުނިން. ގެނބިގެން ބަލާއިރުގަވެސް އެބަހުރޭ ގޭތެރޭގެ ހުންނަ ޕޮންޑަށް ވެއްޓިފަ. އެވެސް މަދުކުރެވޭނެތާ."

އެފަދަ ކަމެއް ހިނގާ ވަގުތު ކުއްޖާ ނެގިއްޖެ ނަމަ ސަލާމަތް ކުރެވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި، ނަމަވެސް ބައެއްފަހަރަށް ގެނބޭކުދިން ފެންނަނީ، ނުފެނިގެން ހޯދާތާ އެތައްއިރެއް ފަހުން ކަމަށްވެސް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.

ކުއްޖާ ގެނބިގެން، ސަލާމަތްކުރާ މީހާއަށް ސީޕީއާރް ދޭން އެނގުމަކީވެސް ކުއްޖާ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.

މިފަދަ އަނިޔާތަކަކީ ވަރަށް ބޮޑަށް މަދުކުރެވޭނެ ކަންކަން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ދެން އަންނާނީ ޕޮއިޒަނިން. ފުޅިފުޅީގަ ހުންނަ އެއްޗެހި ބޯލައިގެން އަންނާނެ. މިސާލަކަށް ބޭސްފުޅި ބޯލައިގެން އައިސްދާނެ. ނޫނިއްޔާ ފެންފުޅިއަށް ކެމިކަލް އަޅާފަ ހުއްޓާ ފެންފުޅި ބޯލަފާނެ. އެގޮތަށްވެސް އާދޭ ބައެއް ކުދިން."

ކުދިން ދުޅަހެޔޮކަންމަތީ ބެލެހެއްޓުމަށް:

ކުޑަކުދިން ދުޅަހެޔޮކަންމަތީ ބޭތިއްބުމަށް ޑރ. ފައިސަލް އިރުޝާދު ދެއްވީ ދެ ކަމެއް ކުރުމަށެވެ. އެއީ ދުޅަހެޔޮ ކާނާ ކާންދިނުމާއި ސްކްރީން ޓައިމް މަދު ކުރުމެވެ.

އެގޮތުން، އަބަދު ޖަންކް ފުޑް ކެއުމުގެ ބަދަލުގައި ގޭގައި ތައްޔާރުކުރާ ކާނާ ނުވަތަ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހިމެނޭ ކާނާ ކުދިންނަށް ދިނުން ރަނގަޅުވާނެއެވެ.

އަބަދު ޓީވީއާއި ފޯނު ފަދަ ސްކްރީން ދެއްކުމުގެ ބަދަލުގައި އެހެން ކަންކަމަށް ކުދިން މަސްއޫލު ކުރުވައި، ސްކްރީންތަކަށް ބަލާ ވަގުތު މަދުކުރުމަކީ ކުދިން ދުޅަހެޔޮކަންމަތީ ބޭތިއްބުމަށް ކުރެވޭނެ ކަމެކެވެ.

"ނޯމަލް ލިވިންއަކަށް އެކުދިން ދޫކޮށްލީމަ ރަނގަޅުވާނެ،" ޑރ. ފައިސަލް ވިދާޅުވިއެވެ.

ކުދިން ކުޅިވަރު ކުޅެނީ ސްކޫލުގައި ކަމަށާއި، ގޭގައި ނަމަ އަބަދު ޓީވީ ބެލުން މިހާރު ގިނަވަމުންދާކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް