ހޮންގްކޮންގްގެ ލީޑަރުކަމަށް ޖޯން ލީ އިންތިޚާބުކޮށްފި

ޖޯން ލީ ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް އިންތިހާބުގެ ވޯޓުލާ މަރުކަޒުގެ ބޭރުގައި އިލެކްޝަން ކޮމިޓީގެ މެމްބަރުންގެ އިންތިޒާރުގައި މަޑުކޮށްލައިގެން--- ފޮޓޯ: ރޮއިޓާޒް

ހޮންކޮންގްގެ އިލެކްޝަން ކޮމެޓީން އިއްޔެ އެ ސިޓީއަށް އާ ލީޑަރަކު އިންތިޚާބުކޮށްފިއެވެ.

ހޮންކޮންގްގެ އިލެކްޝަން ކޮމެޓީން އިއްޔެ ހެނދުނު ނެގި ސިއްރު ވޯޓުގައި އެ ކޮމިޓީގެ 1500 މެންބަރުންގެ ތެރެއިން 97 ޕަސެންޓަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

އެ އިންތިޚާބުގައި ހޮންކޮންގްގެ ޗީފް އެގްޒެކެޓިވް ކަމަށް އެ ސިޓީގެ ކުރީގެ ޗީފް ސެކްރެޓަރީ ޖޯން ލީ އައްޔަން ކުރުމަށް 1416 މެންބަރުން ވޯޓު ދިނެވެ. އެއީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ 751 ވޯޓަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.

އެ އިންތިޚާބުގައި ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓުގެ ހައިސިއްޔަތުން ލީއަށް ވޯޓު ކާމިޔާބު ކުރެވޭނެ ކަމަށް މީގެ ކުރިން ވެސް އޮތީ ބެލެވިފައެވެ. އޭނާ އެ މަގާމަށް ވާދަ ކުރަން މިދިޔަ މަހު އިލެކްޝަން ކޮމިޓީގެ 786 މެންބަރުން ތާއިދުކުރިއެވެ.

އެ އިންތިޚާބުގެ ކެމްޕެއިންގައި ލީ ވަނީ ހޮންކޮންގްގައި ގެދޮރުގެ ސަޕްލައި އިތުރުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ހޮންގްކޮންގްގެ ތަރައްގީއަށް ހަރުދަނާ ބިންގަލެއް އަޅާނެކަމަށްވެސް ވިދާޅުވިއެވެ.

ލީ އެ މަގާމާ ހަވާލުވާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހެވެ.

comment ކޮމެންޓް