ޗައިނާ-ރާއްޖެ ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިންގެ އަގުވަޒަންކޮށްފި

ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ، ޗައިނާ-ރާއްޖެ ހިއުމަން ރިސޯސް ޕްރޮގްރާމްގެ ބައިވެރިންނާއެކު ފޮޓޮއަކަށް ހުއްޓިވަޑައިގެން --- ފޮޓޯ/ ސަފީރު ކޮންގް ޝިންހުއާ

ޗައިނާ-ރާއްޖެ ހިއުމަން ރިސޯސް ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.

ޗައިނާ-ރާއްޖެ ހިއުމަން ރިސޯސް ޓްރެއިނިން ޕްރޮގްރާމްގައި މިއަހަރު އެކި ދާއިރާތަކުގެ 287 ދިވެހިން ބައިވެރިވިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ނޫސްވެރިން އަދި ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ހިމެނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން އިގްތިޞާދީ ތަރައްގީއާއި، ސިއްހީ ދާއިރާއާއި އެޑިއުކޭޝަން މެނޭޖްމަންޓްގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ބައިވެރިން ތަމްރީނު ހޯދާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ބައެއް ބައިވެރިން ޗައިނާގައި މަތީ ތައުލީމް ހާސިލްކުރަން ސްކޮލާޝިޕްތައް ދީފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

"[ބައިވެރިން] ހަމައެކަނި އަމަލީގޮތުން ކަންކަން އުނގެނި، ތަޖުރިބާކުރީއެއްނޫން، އޭގެ އިތުރުން، ޗައިނާ ރައްޔިތުންގެ ޖޯޝާއި ހިތްވަރާއި ޗައިނާގެ ތަރައްގީ [ބައިވެރިންނަށް] ފެނިފައިވޭ،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާ-ރާއްޖެ ހިއުމަން ރިސޯސް ޓްރެއިނިން ޕްރޮގްރާމްގައި ދަސްކުރި ތަކެތީގެ ބޭނުން ހިފައި، ރާއްޖޭގެ ތަރައްގީ ބައްޓަންކުރުމަށް މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ: ވިދާޅުވީ ޓްރެއިނިން ޕްރޮގްރާމްގެ ބޭނުން ބައިވެރިން ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށް --- ސަން ފޮޓޯ: ހަސަން ހާފިޒު

ސަފީރު ވަނީ، އިގްތިޞާދީގޮތުންނާއި އިޖުތިމާއީ ގޮތުން، އަދި ޖުމްލަކޮށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށްޓަކައި ރާއްޖޭން ކުރިއަށް އޮތް 20 އަހަރަށް ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައިފައެވެ.

އެއާއެކު، ރާއްޖެއާއި ޗައިނާއަކީ ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަން ފާހަގަކުރައްވައި ރޭވުންތެރިކަމުގެ ދާއިރާއިން ކުރިއަރައި, އެއް ގައުމު އަނެއް ގައުމުގެ ރައްޔިތުން ގުޅުވާލަދިނުމަށް ދެ ގައުމުންވެސް އެއްބާރުލުން ދެމުން އަންނަކަން ސަފީރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޗައިނާ-ރާއްޖެ ހިއުމަން ރިސޯސް ޓްރެއިނިން ޕްރޮގްރާމްގެ ބައެއް ބައިވެރިން ވަނީ ޗައިނާގައި ކުރި ތަޖުރިބާ ހިއްސާކޮށް، ޕްރޮގްރާމުން ދަސްވި ކަންކަން ވެސް ހިއްސާކޮށްފައެވެ.

comment ކޮމެންޓް