އިތުރު 19 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވަނީ

އިތުރު 19 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ/ މިނިސްޓްރީ

އިތުރު 19 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އަތޮޅުތެރޭގައި އެމްބިއުލާންސް ނެތް ރަށްރަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެއަށް ގެނެސް އެ ރަށްރަށާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ

މި އެއްބަސްވުމުގެ ދަށުން ގެންނާންޖެހޭ އެމްބިއުލާންސްތައް ރާއްޖެ ގެނެސް މިހާރު ވަނީ ސަރުކާރާ ހަވާލުކޮށް ނިންމާފައެވެ. އެތަކެތި ހެލްތް މިނިސްޓްރީއާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިދިޔަ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގައެވެ.

އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްރަށް

  • ހއ. މުރައިދޫ
  • ހއ. އިހަވަންދޫ
  • ހދ. ނޮޅިވަރަންފަރު
  • ށ. މާއުނގޫދޫ
  • ނ. ހޮޅުދޫ
  • ނ. ލަންދޫ
  • ރ. ހުޅުދުއްފާރު
  • ބ. ކަމަދޫ
  • ބ. ހިތާދޫ
  • ކ. ހިންމަފުށި
  • ކ. ގުޅި
  • އދ. އޮމަދޫ
  • ދ. ބަނޑިދޫ
  • ދ. ހުޅުދެލި
  • ތ. ގުރައިދޫ
  • ލ. ފޮނަދޫ
  • ގއ. ދެއްވަދޫ
  • ގދ.ގައްދޫ
  • ގދ. ހޯޑެއްދޫ

އެސްޓީއޯއިން ގަތް ފުރަތަމަ 20 އެމްބިއުލާންސް ރާއްޖެ ގެނައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ދެވަނަ ޝިޕްމަންޓް ގެނައީ ނޮވެމްބަރުގައެވެ. އެ ހުރިޙާ އެމްބިއުލާންސެއް ވެސް މިހާރު ވަނީ ރަށްރަށަށް ފޮނުވައިފައެވެ.

އެސްޓީއޯއިން މި އެމްބިއުލާންސްތައް ރާއްޖެ ގެނެސް ރަށްރަށަށް ފޮނުވާފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

ސަރުކާރުގެ ހަރަދުގައި ގަންނަ އެމްބިއުލާންސްތަކަށް ފައިސާ އަބުރާ ދައްކަން ތިން އަހަރު ދުވަހުގެ މުއްދަތު މިނިސްޓްރީއަށް ލިބޭނެއެވެ.

ސަރުކާރުން އަމާޒުކުރީ މިދިޔަ އަހަރު ނިމުމުގެ ކުރިން އެ އެމްބިއުލާންސްތައް ރާއްޖެ ގެންނާށެވެ. ނަމަވެސް އެކަން ވާ ގޮތެއް ނުވިއެވެ.

comment ކޮމެންޓް