މަތިވެރިއާއި ރޯދަމަސް 5

ޖުލައި 20، 2021: މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1442ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން: -- ސަން ފައިލް ފޮޓޯ

"މަތިވެރިއާއި ރޯދަމަސް" ގެ ނަމުގައި ލިޔަމުން އަންނަ ސިލްސިލާގެ އެންމެ ފަހު ލިޔުން ޚާއްޞަކޮށްލާނީ، ރޯދަމަސް ނިމިގެންދާގޮތާއި ރޯދަމަހާ ވިދިގެން އަންނަ ކުޑައީދު ނުވަތަ ފިޠުރުޢީދުގެ ކަންކަން އެ ދުވަސްވަރު މަތިވެރީގައި ކުރެވެމުން އައި ގޮތުގެ މައްޗަށެވެ. ފެނިގެންދާނީ މިހާރާ ވަރަށް ތަފާތު މަންޒަރެކެވެ.

ރޯދަމަހުގެ ފަހު ދިހަ ފެށި، ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް، ސައްބީސް ރޯދަ ނިމި، ހަތާވީސް ވިލޭރެއަށް އިރު އޮއްސުމުން، އެ ރޭ ވަރަށް ޚާއްޞަ ހަރަކާތެއް މަތިވެރީގައި ބާއްވައެވެ. އެ ހަރަކާތުގެ ނަމަކީ "ކަތިން ކިޔުން"އެވެ. ކަތިން ކިޔުމަކީ ހަތާވީސް ވިލޭރޭ އިޝާނަމާދުން ފައިބައިގެން، ރަށުގެ ޒުވާން ފުރައިގެ ފިރިހެނުން އިސްނަގައި، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގެ މަގުތަކުގައި ހިނގަމުން އެ ކަމަށް ޚާއްޞަ "ބަންޖެއް" ކިޔުމެވެ. މި ބަނދި ކިޔާއިރު ނަގައިކިޔަން އެކަކު ހުންނާނެއެވެ. ދެން ތިބި މީހުން ކިޔާނީ ދަށުންނެވެ. ތިރީގައި މި ލިޔެލަނީ ކަތިން ކިޔާއިރު ކިޔާ އުޅުނު ބަންޖެވެ.

އީދު މިކޮޅު، ތިން ދުވަހޭ

އީދުކަތިން، ދިން ދުވަހޭ

މަތިވެރީ ކަތީބު، ހުރި/ނެތް ދުވަހޭ (ކަތީބު ނެތް ނަމަ ނެތް ހުރި ނަމަ ހުރި)

ފޮޅޫދޫ ކަތީބު، ހުރި/ނެތް ދުވަހޭ (ކަތީބު ނެތް ނަމަ ނެތް ހުރި ނަމަ ހުރި)

އުކުޅަހު ކަތީބު، ހުރި/ނެތް ދުވަހޭ (ކަތީބު ނެތް ނަމަ ނެތް ހުރި ނަމަ ހުރި)

(މި ގޮތަށް އަތޮޅުގެ ރަށްރަށުގެ ނަންތަކާ ގުޅުވައިގެން ދިގު ކުރެއެވެ.)

ހަތާވީސް، ކަތިން ދުވަހޭ (ނިނާމާލައި ބައި)

ނޯޓް: މިއިން ކޮންމެ ބަހެއްގެ ވެސް ފުރަތަމަ ބައި ކިޔާނީ ނަގާކިޔާ މީހާއެވެ. ފަހުބައި ކިޔާނީ ދަށުން ކިޔާ މީހުންނެވެ.

ކަތިން ކިޔުމުގެ ބޭނުމަކީ، ރޯދަމަސް ނިމެމުން ދާކަމާއި އީދު ކައިރިވަމުން އަންނަކަން ރަށުގެ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމެވެ. މިއީ ވެސް ޒާތެއްގެ ކުޅިވަރެކެވެ. ރަށުގެ ކުދިވެރިންނާއި އަންހެންވެރިން ގޭ ދޮރުމައްޗަށް ނުވަތަ މަގުމައްޗަށް ނިކުމެ މި މަންޒަރު ބަލަން ތިބޭނެއެވެ.

ނަވާވީސް ރޯދަ ހިފުމުން، މިހާރެކޭ އެއްފަދައިން ތިރީސް ވިލޭރޭ، އީދަށް ހަނދުބެލުން އޮންނާނެއެވެ. އެ ދުވަސްވަރަކީ މުވާސަލާތީ ވަޞީލަތްތައް ހުންނަ ދުވަސްވަރެއް ނޫނެވެ. އެހެންކަމުން ރަށުގައި އުޅޭ މަދު ފިރިހެނުންކޮޅު، ތިން ގުރޫޕަކަށް ބެހިލައިގެން ރަށުގެ ތިން ފަރާތުން އަތިރިމައްޗަށް އެ ރޭ ދާނެއެވެ. އެއް ބަޔަކު ދާނީ ރަށުގެ ހުޅަނގުފަރާތު އަތިރިމައްޗަށެވެ. އަނެއް ބަޔަކު ދާނީ ދެކުނު ފަރާތަށެވެ. އަނެއް ބަޔަކު އުތުރު ފަރާތަށެވެ. ހުޅަނގު ފަރާތަށް ފައިބާ މީހުންގެ މަސައްކަތަކީ ހަނދު ފެނޭތޯ ބެލުމެވެ. ދެކުނު ފަރާތަށާއި އުތުރުފަރާތަށް ފައިބާ މީހުންގެ މަސައްކަތަކީ ރަށް ކައިރީ އެހެން ރަށަކަށް ހަނދު ފެނިގެން ހުޅުއަޅާތޯ ބެލުމެވެ.

މަތިވެރީ މީހުންނަށް ހަނދު ފެނިއްޖެ ނަމަ މަތިވެރީ މީހުން ހުޅުޖަހައި، އެހެން ރަށްރަށުގެ މީހުންނަށް އެކަން އަންގާނެއެވެ. ހުޅުޖަހާ ނުވަތަ ހުޅުއަޅާ ގޮތަކީ، ހިކިފައި އޮންނަ ދެތިން ފަން އެއްކޮށް އައްސާފައި އޭގައި ރޯކޮށް ކޮޅަށް ނަގާފައި ބެހެއްޓުމެވެ. މިހެން ހެދުމުން ވަރަށް ދުރަށް އެ އަލިފާން ގަނޑު ފެންނާން ހުންނާނެއެވެ. ހަނދުބަލާ ރޭ އެ ނޫން އެއްވެސް އަލިފާނެއް އަތިރިމަތީގައި ރޯކޮށް ގެންގުޅުމަކީ، މަނާކަމެކެވެ.

އެއްވެސް ރަށަކުން ހުޅު ނާޅައިފި ނަމަ، އޭގެ މާނައަކީ އެއްވެސް ރަށަކަށް ހަނދެއް ނުފެނެއެވެ. އެހެން ވެއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހު ތިބޭނީ ރޯދައަށެވެ. ބައެއް ފަހަރު ތަންކޮޅެއް ދަންވާފަހުން، ރަށަކަށް ހަނދު ފެނިއްޖެކަން އެނގިއްޖެ ނަމަ، އެ ރަށެއްގެ މީހުން ބޮއްކުރާ ބައްތެލި ފަހަރުގައި، ކައިރި ރަށްރަށަށް ދަތުރުކޮށް، ހަނދުފެނުނު ވާހަކަ ބުނެއެވެ. އެ ގޮތުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް، މި ކަމުގައި އެހީތެރިކަން ފޯރުކޮށްދީ، ވާޖިބު އަދާކުރެއެވެ.

އީދުވިލޭރެއަށް އިރު އޮއްސުމުން، އޮންނާނީ އީދު ދުވަހުގެ ހެނދުނުގެ ނާސްތާއަށް އެއްޗެހި ތައްޔާރުކުރުމެވެ. އީދު ނަމާދަށްފަހު ޞަލަވާތްފުޅު ކިޔެވުމަށް އަންނަ މީހުންނަށާއި ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށް އެ ބަޔެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ނާސްތާ ތައްޔާރުކުރާނެއެވެ. ގިނަ ގޭގޭ މީހުން އެ ރޭ ނިދާނީ، ނާސްތާއަށް ބޭނުންވާ ތަކެތި ތައްޔާރުކޮށް ނިންމާފައެވެ.

އީދު ދުވަހު ހެނދުނު އީދު ސަންގު ފުމޭނެއެވެ. އެ ސަންގަކީ އީދު ނަމާދަށް އައުމަށް އެންގުމުގެ ގޮތުން ފުމޭ ސަންގެކެވެ. މި ސަންގު ފުމޭނީ، ހެނދުނު ހަތެއްޖަހައި އެހައިކަންހައި އިރުއެވެ. ސަންގު ފުމުމުން ރަށުގެ ކުދިބޮޑު، އަންހެން ފިރިހެން އެންމެން ކަހަލަ ގޮތަކަށް، އީދުނަމާދަށް އަންނާނެއެވެ. ހެނދުނު 7:30 ގައި އީދު ނަމާދުކުރާން ފަށާނެއެވެ.

އީދު ނަމާދަށްފަހު އަންހެންވެރިން ދާނީ ގެއަށެވެ. ފިރިހެން ވެރިން މިސްކިތުން ފައިބައި މަގުމަތީގައި ސަފުސަފަށް އެތުރިލައިގެން ތިބެ، ތަކުބީރު ކިޔަމުން މުޅި ރަށުގައި ހިނގާނެއެވެ. ތަކުބީރު ކިޔަމުން ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގެ ހުރިހައި މަގެއްގައި ކަހަލަ ގޮތަކަށް ހިނގުމަށްފަހު، ތަކުބީރު ނިންމައިލާނީ މިސްކިތްދޮށަށެވެ. އެއަށްފަހު ދެން އޮންނާނީ ގޭގެއަށް ގޮސް ޞަލަވާތްފުޅު ކިޔެވުމެވެ. ކޮންމެ ގެއަކަށް ވެސް މަދުވެގެން ތިން މީހުން ގެންދާނެއެވެ. ބައެއް ގޭގޭއަށް ފަސް މީހުން ވެސް ހަމަކުރާނެއެވެ.

ޞަލަވާތްފުޅު ކިޔަވާން އަންނަ މީހުން އެ ކަން ނިމުމުން، ދެން އޮންނާނީ ނާސްތާކުރުމެވެ އެ މީހުން ނާސްތާކޮށްގެން ދިޔުމުން ނޫނީ، ގޭގެ އެއްވެސް މީހަކު އެއްޗެއް ނުކާނެއެވެ. ކުޑަ ކުއްޖަކަށް ވެސް ކާއެއްޗެއް ނުދޭނެއެވެ. އާދަކާދައިގެ ގޮތުން ކުރެވޭ ގޯސް، އަދަބާ ޚިލާފު ކަމަކަށްވާތީއެވެ.

ޞަލަވާތްފުޅު ކިޔެވި މީހުން ނާސްތާކޮށް ނިންމައިގެން، އެ ގެއިން ނިކުންނާނީ، އެ ގޭގައި މެންދުރަށް ކައްކަން ކުކުޅެއް ނުވަތަ ހާލެއް އިން ނަމަ، އެ އެތި ކަތިލައިދީފައެވެ. އެއީ އާދަކާދައިގެ ތެރެއިން އެ މީހުން ކޮށްދޭންޖެހޭ ކަމެކެވެ. އެކަން ނިންމާފައި އެ މީހުން އެ ގެއިން ނިކުތުމާ އެކު، އެހެން ގެއަކުން އެ މީހުންނަށް ގޮވައިލާނެއެވެ. މި ގޮތަށް ޞަލަވާތްފުޅު ކިޔަވަން އަންނަ ގުރޫޕުތައް ބައެއް ފަހަރު ތިން ހަތަރު ގެއަށް ނޫނީ ފަސް ހަ ގެއަށް ވެސް ދާންޖެހެއެވެ. އެހެންކަމުން ޞަލަވާތްފުޅުގެ ކަންކަން ނިމޭއިރު، އެ ވެރިންގެ ބަނޑުން ލޯ އަޑުކިޔާނެއެވެ.

މެންދުރަށް ވެސް ކޮންމެ ގެއެއްގައި ހެން ކައްކާނެއެވެ. އެ ބަޔެއްގެ ފެންވަރުން މޮޅަށެވެ. ހެނދުނު ކިޔެވި ގޮތަށް މެންދުރު ވެސް، ގޭގޭގައި ޞަލަވާތްފުޅު ކިޔެވުން އޮންނާނެއެވެ. އެއަށްފަހު ހަވީރު އޮންނާނީ ކުދި ބޮޑު އެންމެން ފެންވަރައިގެން، އީދު ހެދުން ލައިގެން ހިނގާލަން ނިކުތުމެވެ. ކުޑަ އީދުގައި މާ ބޮޑު ކުޅިވަރެއް މަތިވެރިއަކު ނޯވެއެވެ. އެ ދުވަސްވަރަކީ ފުޓުބޯޅަ، ބަށި، ވޮލީ ފަދަ ކުޅިވަރުތަކުގެ ޒަމާނެއް ނޫނެވެ.

ކުޑައީދު ދުވަހު ހަވީރު ރަށުގެ ތުނޑީކޮޅޭ ކިޔާ ސަރަޙައްދުގައި އޮންނަ ހުސް ބިމުގައި، ރަށުގެ ފިރިހެންވެރިންގެ ވާދެމުން އޮވެއެވެ. އެހެންކަމުން މި ކުޅިވަރު ބަލަން، ފައިއިނދޭ ފުރައިން، އެ ސަރަޙައްދަށް ޖަމާވާނެއެވެ. ވާދަމާ ނިމޭއިރު ހުންނާނީ، އިރުއޮއްސުމަކާ ދާދި ކައިރިވެފައެވެ. އެހެންކަމުން ދެން އޮނާނީ ގެއަށް ދިޔުމެވެ. އެހައިތަނުން ރޯދަމަހާއި ކުޑައީދު ނިމުނީއެވެ. ހަރޯދަ ހިފާ މަދު ބަޔަކު ހަރޯދަ ހިފި ނަމަވެސް، ރަށުގެ ކަންކަން އާންމު ހާލަތަށް ރުޖޫޢަވާނެއެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ދެއްވީ، އއ. މަތިވެރީ ފޮރިންވިލާ ދޮންމަނިކު ހަސަނެވެ. އޭނާއަކީ، މަތިވެރީގެ މުދިންކަމާއި ކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް