ޕާކިސްތާނުގެ އިގްތިސާދު ނެގެހެއްޓުމަށްޓަކައި ސައޫދީން 8 ބިލިޔަން ޑޮލަރުގެ ޕެކޭޖެއް

ޝެހެބާޒް ޝަރީފު ސައޫދީ ވަލީއުލްއަހްދުގެ އަރިހުގައި

ރިޔާޟް (މޭ 02) : ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އެގައުމަށް އަށް ބިލިޔަން އެމެރިކާ ޑޮލަރުގެ މާލީ ޕެކޭޖެއް ދިނުމަށް ސައޫދީ އަރަބިއާއިން އެއްބަސްވެއްޖެއެވެ.

މިކަން ހާމަކުރަމުން ޕާކިސްތާނުގެ މީޑިއާއިން ބުނެފައިވަނީ މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފު ސައޫދީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސައޫދީ ވަލީއުލްއަހްދު މުޙައްމަދު ބިން ސަލްމާން ގެ އަރިހުން މާލީ އެހީއަށް އެދިވަޑައިގަތުމުން ދެއްވަން ނިންމެވި އެހީއެއް ކަމަށެވެ.

މާލީ މިޕެކޭޖްގައި ހިލޭ އެހީއާއި ލޯން އެހީއާ އަދި ޕާކިސްތާނުގެ ފައިސާގެ އަގު ހިފެހެއްޓުމަށްޓަކައި ޕާކިސްތާނުގެ މަރުކަޒީ ބޭންކްގައި ޑިޕޮޒިޓް ކުރުމަށް ޚާއްސަކޮށްގެން ދޭ ތިން ބިލިޔަން ޑޮލަރުގެ ފައިސާވެސް ހިމެނޭ ކަމަށް ވެއެވެ. މި ތިން ބިލިޔަން ޑޮލަރަކީ ފަހުން އަނބުރައި ސައޫދީ އަށް ދައްކަންޖެހޭ ފައިސާއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފު ސައޫދީއަށް ކުރެއްވި ދަތުރުފުޅު އިއްޔެ ނިންމަވާލެއްވުމަށްފަހު ސައޫދީއާއި ޕާކިސްތާނުން ނެރުނު ގުޅިފައިވާ ބަޔާނުގައި ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތައް ހައްލުކޮށްދިނުމަށްޓަކައި ސައޫދީން ފައިސާގެ ބޮޑު ޕެކެޖެއް ހަމަޖައްސައިދިން ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިޕެކޭޖްގެ ޖުމްލަ އަދަދެއް ބުނެފައެއް ނުވެއެވެ.

ޗެހެބާޒު ޝަރީފު ސައޫދީ ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވަނީ

ޕާކިސްތާނަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާއެވެ. އިގްތިސާދީ މި ހީނަރުކަމާއެކު ޕާކިސްތާނުގައި ތަކެތީގެ އަގުތައް ބޮޑުވެ ބޭރުފައިސާގެ ރިޒާވް އާދަޔާ ޚިލާފަށް ދައްވުމުގެ ސަބަބުން ޕާކިސްތާނުގެ ފައިސާ ކަމަށްވާ ރުޕީގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލި އާންމުންގެ އަތްމަތިވަނީ ދަތިވެފައެވެ.

އަނެއްކޮޅުން ޔުކްރޭން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ބޮޑުވުމުން ވެސް ޕާކިސްތާނުގެ އިގްތިސާދަށް ވަނީ އިތުރު ދަތިތަކެއް ކުރިމަތިވެފައެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަން ވައްޓާލުމަށް ޕާލަމެންޓްގެ ތެރެއިން އިދިކޮޅު ފަރާތްތަކުން މަސައްކަތް ފެށީވެސް ރައްޔިތުންނަށް ކުރިމަތިވި މިދަތިތަކުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ.

އިދިކޮޅު ފަރާތްތަކުން ފެށި މި މަސައްކަތަށް ސިފައިންގެ ތާއީދު ވެސް އޮތުމުގެ ސަބަބަބުން އިދިކޮޅު ލީޑަރު ޝެހެބާޒު ޝަރީފު ވަނީ އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން އިމްރާންޚާންގެ ވެރިކަން ވައްޓާލައި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގައި މިދިޔަ މަހު ކާމިޔާބު ހޯއްދަވާފައެވެ.

މިކަމުގައި އިމްރާންޚާންގެ ޕާޓީގެ ބައެއް މެންބަރުންނާ އިމްރާންޚާންގެ ޕާޓީއާއެކު ކޯލިޝަން ހަދައިގެން އުޅުނު ކުދި ޕާޓީތަކުގެ އެއްބާރުލުންވެސް ޝެހެބާޒު ޝަރީފަށް ލިބިވަޑައިގެންފައިވެއެވެ. އިމްރާންޚާން ވަނީ އޭނާ ވެރިކަމުން ދުރުކުރުމަށް އިދިކޮޅުން ކުރި މަސައްކަތްތަކުގެ ފަހަތުގައި އެމެރިކާ އޮތްކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އެމެރިކާ މިކަން ދޮގު ކުރެއެވެ.

ޕާކިސްތާނަކީ ޗައިނާގެ އިގްތިސާދީ އަދި އަސްކަރީ ބައިވެރިއެއް ނަމަވެސް ޕާކިސްތާނުގެ ހަތިޔާރުގެ ގާތްގަނޑަކަށް 70 އިންސައްތައަކީ އެމެރިކާގެ އުފެއްދުންތައް ކަމަށްވާތީ އެމެރިކާއަކީ އަދިވެސް ޕާކިސްތާނަށް ބާރާ ނުފޫޒު ފޯރުވޭ ހާލަތުގައި އޮތް ގައުމެކެވެ. ޕާކިސްތާނު މިހާރު ގެންދަނީ ޗައިނާއާ ގުޅިގެން ބަރު ހަތިޔާރު އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިކަމުގައި ޕާކިސްތާން އަމިއްލަ ފައިމައްޗަށް ތެދުވަން އަދި އަހަރުތަކެއް ނަގާނެއެވެ.

އެމެރިކާ އިމްރާންޚާންގެ ސަރުކާރު ދެކެ ރުޅިއައީ އެމެރިކާއަށް ދީލައިނުލާ މުސްތަގިއްލު ޚާރިޖީ ސިޔާސަތެއް ގެންގުޅުމާއި ޔުކްރޭން ހަނގުރާމައިގާ ރަޝިއާ ކުށްވެރިކުރަން ދެކޮޅު ހެދުމާ ގުޅިގެންނެވެ. މީގެއިތުރުން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ފާރަލުމަށްޓަކައި ޕާކިސްތާނުގެ ބިމުން އެމެރިކާ ސިފައިންނަށް އަސްކަރީ ފަސޭހަތައް ދޭން އިމްރާންޚާން ދެކޮޅު ހެއްދެވުމަކީވެސް އޭނާގެ ސަރުކާރު ދެކެ އެމެރިކާ ހިތްހަމަ ނުޖެހުނު ކަމެކެވެ.

comment ކޮމެންޓް