ލޯފަން މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމުއިއްޔާއަށް، ދިރާގުން ލުއިފަސޭހަތަކެއް

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ލޯފަން މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމުއިއްޔާއަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ދިރާގުން ނިންމައިފިއެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)އަކީ ލޯފަން މީހުންނަށް ޚާއްޞަކޮށްގެން ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމުއިއްޔާއެކެވެ.

ދާދި ފަހުން އެ ޖަމުއިއްޔާއިން ވަނީ ކްލަބް ހައުސްގައިވެސް ހަރަކާތްރެރިވާން ފަށާފައެވެ. އެގޮތުން، ކުރިއަށްއޮތް މަހުގައިވެސް ޤުރުއާން މުބާރާތާއި، ދީނީ ހަރަކާތްތައް އަދި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް އެ ޖަމުއިއްޔާއިން ދަނީ ރާވަމުންނެވެ.

މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދިރާގުން އެ ޖަމުއިއްޔާގެ މެންބަރުންނަށް ހިލޭ މޮބައިލް ޑޭޓާ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމުއިއްޔާ ބީވީއައިއެސްއެމްއަށް ފޯރުކޮށްދޭ ޚާއްޞަ ޑިޖިޓަލް މުވާސަލާތީ ޚިދުމަތް ކަމަށްވާ "ފޯންމީޓިން 130" އައުކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ވެސް ދިރާގުން މައުލޫމާތުދެއެވެ.

މި ޚިދުމަތަކީ ދިރާގުން އެ ޖަމުއިއްޔާއަށް ޚާއްޞަކޮށްގެން ފަރުމާ ކޮށްފައިވާ ޚިދުމަތްތަކެވެ.

ދިރާގުން ބުނީ، އެހެނިހެން އިޖްތިމާއީ ޖަމުއިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމްއަށް ދިމާވާ ކަމަށެވެ.

ޖަލްސާތައް ބޭއްވުން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ބީވީއައިއެސްއެމްއަށް ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ދިރާގުން ފާހަގަކުރިއެވެ.

އެހެންކަމުން، ދިރާގުން މި ޚިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއެކު އެ ޖަމުއިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި ޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ޖަމުއިއްޔާގެ ހުރިހާ މެންބަރުންނަށް ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ޚިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ބޭއްވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމްއިން ވަނީ މި ޚިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި، އަދި ޤުރުއާން ކްލާސްތައް ކުރިއަށް ގެންގޮސްފައެވެ.

ދިރާގުން ބުނީ، މި ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ މީހުން ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް