ދީނުން ފިލާވަޅެއް: އާޔަތްތަކުގެ މާނައަށް ވިސްނައިގެން ޤުރުއާން ކިޔަވަމާ

އާދެ ލޮބުވެތި އަޚުން! ކީރިތި ޤުރުއާނަކީ ﷲ ކަލާމްފުޅެވެ. ބަރަކާތްތެރި ރަމަޟާންމަހެއް އަޅުގަނޑުމެން ހޭދަކުރަމުން ދާއިރު މި ރަމަޟާން މަސް ޚާއްޞަ ވެފައި ވަނީ ކީރިތި ޤުރުއާނަށް ޓަކައެވެ.

ކީރިތި ޤުރުއާން ބާއްވާލެއްވި ރެއަކީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. އެރޭގެ ހެޔޮކަން އެއްހާސް މައްސަރަށްވުރެ ހެޔޮވެގެން ވެއެވެ. މާނައީ 83 އަހަރު ވަރު މީހާ ކުރާ އަޅުކަމާ އެއްވަރުވަރުގެ ދަރުމައާއި ސަވާބު އެމީހަކަށް ހަމައެކަނި އެންމެ ރެއަކުން ލިބިގެން ދެއެވެ.

ކީރިތި ޤުރުއާން އެއީ އަޅުގަނޑުމެންގެ ދުސްތޫރެވެ. އަޅުގަނޑުމެން އެ ފޮތަކަށް ތަބާވާންޖެހޭ ފޮތެވެ. އަޅުގަނޑުގެ ހަޔާތުން އަޅުގަނޑު މި ދުނިޔެއާ ވަކިވެއްޖެކަމުގައި ވާނަމަ ކީރިތި ޤުރުއާނާމެދު ކިހިނެއްތޯ އަޅުގަނޑު ޖަވާބުދޭނީ ނިކަން ވިސްނާލާށެވެ. ކައްވަޅުގައި ސުވާލުކުރާއިރު އަޅުގަނޑަށް ޖަވާބުދެވޭނެތޯ އަޅުގަނޑު ކިޔެވީ މި ފޮތޭ އަޅުގަނޑު ދަސްކުރީ މި ފޮތޭ މި ފޮތަށޭ އަޅުގަނޑު އަމަލުކުރީ، އެގޮތަށް ޖަވާބުދެވޭނެތޯ؟

ލޮބުވެތި އަޚުން! މިއަދު ކޮންމެ ބޭފުޅަކު ވެސް އެމީހެއްގެ ނަފުސާ ސުވާލު ކޮށްލައްވާށެވެ. އުމުރުން ކިހާވަރެއްތޯ، އަޅުގަނޑަކީ 100 ޕަސެންޓު މުސްލިމެއްތޯ، އެއަށް ފަހުގައި ސުވާލުކުރައްވާ އަޅުގަނޑަށް ކީރިތި ޤުރުއާނުން އެނގެނީ ކިހާ މިންވަރެއްތޯ!

އުމުރުގެ މިހާ ހިސާބަށް އައި އިރު އަޅުގަނޑު ކިތައް ވީޑިއޯ ބަލައިފިންތޯ، ކިހާވަރަކަށް އަޅުގަނޑު އެކިއެކި ސީރީސްތައް ބަލައިފިންތޯ، ކިހާ ވަގުތެއް އަޅުގަނޑު އެކަމަށް ހޭދަކޮށްފިންތޯ ސުވާލުކޮށްލައްވާށެވެ.

ފިލްމުތަކުގައި އުޅޭ އެކްޓަރުން އަޅުގަނޑުމެންނަށް އެނގެއެވެ. ފިލްމު ތަކުގެ ސްޓޯރީ މޮޅުވެއްޖެކަމުގައި ވާނަމަ އަޅުގަނޑުމެން އެވާހަކަ ދައްކަމެވެ. ނަމަވެސް ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބަޔަކީ އެކިއެކި އުންމަތްތަކުގެ މީހުންގެ ވާހަކަތައް އައިސްފައިވާ އިބްރަތްތެރި ރީތި ވާހަކަތަކެއް އެކުލެވިގެންވާ ފޮތެކެވެ. ކީރިތި ޤުރުއާނުގެ ކުރުކުރު ސޫރަތްތަކުގެ މާނަ އެނގޭތޯއެވެ؟ ކީރިތި ޤުރުއާނުގެ ކުރުކުރު ސޫރަތްތައް ކީއްވެގެންތޯ ބާއްވާލެއްވުނީ؟ އެ ބާއްވާލެއްވުމުގެ ސަބަބު އެނގޭތޯއެވެ؟

ލޮބުވެތި އަޚުން، ލޮބުވެތު އުޚުތުން! މިއަދު ސުވާލުކުރައްވާށެވެ. އަޅުގަނޑަކީ 100 ޕަސަންޓު މުސްލިމެއް ކަމުގައި ވާނަމަ އަޅުގަނޑު ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ބާއްވާލެއްވި ސަބަބު ވެސް އެނގިގެންނޭ އަޅުގަނޑުމެން ދުނިޔެ ދޫކޮށްފަ ދާނީ! ކީރިތި ޤުރުއާނުން އަޅުގަނޑަށް އިނގޭނެއޭ ވައްޟުޙާ އިން ތިރީގެ ސޫރަތްތައް މާނައާއެކު! އަލްޙަމްދުގެ މާނަ އަޅުގަނޑަށް އެނގޭނެއޭ! އަޅުގަނޑަށް އެނގޭނެއޭ ބައެއް ސޫރަތްތައް ބާއްވާލެއްވި ސަބަބު! ކީރިތި ޤުރުއާނުގައިވާ ރީތި ވާހަކަތައް އަޅުގަނޑަށް އެނގިގެންނޭ އަޅުގަނޑު މި ދުނިޔެއާ ވަކިވެގެންދާނީ!

މިއަދު ޔޫޓިއުބުގަ ލިބެން އެބަހުއްޓެވެ. ކުރުކުރު ސޫރަތްތައް ފަސް މިނިޓު ދިހަ މިނިޓު ތިބޭފުޅުންގެ ވަގުތުތަކުން ވަގުތު ހޭދަކުރައްވާށެވެ. ކީރިތި ޤުރުއާނަކީ އަޅުގަނޑުމެންގެ ރައްޓެހި މިތުރެއް ކަމުގައި ހައްދަވާށެވެ. އޭރުން އަޅުގަނޑުމެންނަށް ލިބޭ ނަތީޖާއަކީ ކޮބައިތޯ؟ ނަބިއްޔާ ހަދީސްކުރައްވަނީ ތިޔަބައި މީހުން ކީރިތި ޤުރުއާން ކިޔަވާށެވެ. ފަހެ އެ ޤުރުއާން ހަމަ ޔަގީނުން ވެސް ގިޔާމަތް ދުވަހު އަންނާނެއެވެ. އޭގެ އަޞްޙާބުންނަށް ޝަފާއަތްތެރި ވާނެއެވެ. އެ ޤުރުއާން ޤިޔާމަތްދުވަހު ﷲއަށް ދަންނަވާނެއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ. އިބަ އިލާހުގެ މި އަޅާ ކީރިތި ޤުރުއާން ކިޔެވުމަށް ވަނީ ހޭދަކޮށްފައެވެ. އެހެންކަމުން އެކަމަށް ޓަކައި އެ އަޅާގެ ފާފަ ފުއްސަވާނދޭވެ. އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގެ ޝަފާއަތް ގަބޫލުކުރައްވާ ކީރިތި ޤުރުއާނަށް ޓަކައި އެމީހާގެ ފާފަ ފުއްސަވާނެއެވެ.

ލޮބުވެތި އަޚުން، ލޮބުވެތި އުޚުތުން! ބަރަކާތްތެރި ރަމަޟާންމަހު ގިނަގިނައިން ކީރިތި ޤުރުއާން ކިޔަވާށެވެ. ކީރިތި ޤުރުއާނުގައިވާ އާޔަތްތަކުގެ މާނައަށް ވިސްނައިގެން ފިކުރުކޮށްގެން ކީރިތި ޤުރުއާނަށް ތަދައްބުރުކޮށްގެން ކިޔަވާ ވިދާޅުވެލައްވާށެވެ.

comment ކޮމެންޓް