ދިއްގަރު ބޮޑު ރޯދަވީއްލުން، މިވަރުގެ އެއްބައިވަންތަކަމެއް ނުފެންނާނެ!

ދިއްގަރު ޒުވާނުންގެ ޖަމިއްޔާގެ ރޯދަވީއްލުމުގެ ތެރެެއިން -- ފޮޓޯ/ ޑީޒެޑްޖޭ

(މ. ދިއްގަރުން) މި ރަށަކީ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ނަމޫނާ ރަށެކޭ އަބަދުވެސް ކިޔާ އަޑު އަހަމެވެ. މި ރަށު ރައްޔިތުންނަކީ ހިތްހެޔޮ، އެހާމެ މެހެމާނުންނަށް ކަމޭހިތާ ބަޔެކޭ ވެސް ކިޔާ އަޑު އަހަމެވެ.

އެކަން އަމިއްލައަށް ތަޖުރިބާކޮށް މިއަދު ގަބޫލު ކުރެވިއްޖެއެވެ.

ހަފުތާ ބަންދަށް ދިއްގަރަށް އައީ މި ރަށުގައި ރަމަޟާންމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އޮންނަ ބޮޑު ރޯދަވީއްލުމުގައި ބައިވެރިވެލުމުގެ ނިޔަތުގައެވެ. އެކަން ތަޖުރިބާކޮށްލުމުގެ ނަސީބު ލިބިގަތުމަށެވެ.

ރޯދައަށް ހުރެ ކުރަން ދެ ގަޑިއިރުގެ ދަތުރެއް ވެސް އަޅުގަނޑަށް ދިގެވެ. އެހެން ނަމަވެސް އެ ދިގު ދަތުރުގެ ވަރުބަލިކަން ވެސް އިހުސާސް ނުވީ ދިއްގަރަށް ފޭބުމާއެކު މި ރަށުން ލިބުނު ހިތްގައިމު މެހެމާންދާރީގެ ސަބަބުންނެވެ.

ދިއްގަރުގައި އަހަރެމެން ތިބީ މޫރިތި ހޯމް ސްޓޭގައެވެ. ރާއްޖެއަށް ހޯމް ސްޓޭ ތައާރަފްކުރި ގޭގައި ޗުއްޓީ ހޭދަކޮށްލަން ލިބުމަކީ ލިބުނު ފަހުރަކާއި ޝަރަފެކެވެ.

ދިއްގަރުގައި ދެ ޖަމިއްޔާ އޮވެއެވެ. ދެ ޖަމިއްޔާގެ ވާދަވެރިކަމާއެކު ވެސް ރަށުގައި އޮތީ އެއްބައިވަންތަކަމުގެ ރޫހެވެ. އެކުވެރިކަމުގެ ރޫހެވެ. އަހުވަންތަކަމުގެ ރޫހެވެ.

މި އަހަރުގެ ރަމަޟާންމަހުގެ ފަހު ހުކުރު ދުވަހުގެ ރޯދަ ވީއްލުން ދިއްގަރު ޒުވާނުންގެ ޖަމިއްޔާއިން ފާހަގަ ކުރީ ކުލަގަދަކޮށެވެ. ރަށުގެ ކުދިބޮޑު އެންމެން އެ ތަނަށް އޮތީ ޖަމާވެފައެވެ.

ތުއްތު ދަރިން އުރައިގެން އުޅޭ މައިންނެވެ. ދަރިން އިނގިލިކުރި ލައިގެން އުޅޭ ބަފައިންނެވެ. މަޖަލާއި ސަކަރާތުގައި އުޅޭ ކުޑަކުދިންނެވެ. ރައިވަރާއި ފަރިހި ކިޔުމުގައި ތިބި އިސް ރަށްވެހިންނެވެ.

ބޮޑު ރޯދަވީއްލުމަށް ތައްޔާރުވުމަށް ޓަކައި ރަށުގެ މަހަށް ދާ ހުރިހާ ދޯންޏެއްހެން، ބުރާސްފަތި ދުވަހު ހެނދުނު މަހަށް ފުރިއެވެ. އަދި މަސް ބާނައިގެން އެ ދުވަހުގެ ހަވީރު ރަށަށް އައެވެ.

ގާތްގަނޑަކަށް 200އެއްހާ ފަރު މަސް ބޭނިއެވެ. ނަން ހުސްކޮށެވެ. އެ ތަނުގައި ނެތް ވައްތަރެއްގެ މަހެއް ނެތެވެ. ބައެއް މަސްތަކުގެ ނަމެއް ނުވެސް އެނގުނެވެ.

ހުކުރު ދުވަހު އަސުރުން ފައިބައިގެން މި ރަށު އިރުމަތީ ފަރާތު އަތިރިމައްޗަށް ގޮސްފީމެވެ. އޭރު ފިރިހެންވެރިން އެ ތަނަށް ތިބީ އެއްވެއެވެ. އަންބާކިޔައިފައި މަހުގައި ހުޅުނބު ޅިޔަ އަޅަނީއެވެ. ފޯރިއާއެކުއެވެ.

ބޮޑު ރޯއްދަވީއްލުމަށް ތައްޔާރުވާން މަސްތަކުގައި ޅިޔަ އަޅަނީ -- ސަން ފޮޓޯ/ އަހުމަދު އިޒުމީމް

ދެން އިރުކޮޅެއް ފަހުން ފެނުނީ ތާންގި ފަޅިތަކެއްގައި ހަދައިފައި ހުރި ބޮޑެތި ގްރިލްތަކެއް ބަހައްޓަން ފެށި ތަނެވެ. އެއަށްފަހު، އޭގައި ނާށި އަންދަން އަލިފާން ރޯކުރިއެވެ.

މަސައްކަތްތައް ހުރީ އެކި ގުރޫޕުތަކަށް ބަހައިލައިފައެވެ. ނާށި އަނދަން ވާއިރަށް، އެއް ބަޔަކު ޅިޔައެޅި މަސްތަކުގައި މިރުސް ލާން ފެށިއެވެ.

މާ ދުރުން އެ ހިސާބުން ލޮލުގައި އަޅައިގަތީ، މޭވާތަކެއް ދޮލަނގުތަކަކަށް އަޅަން ތިބި ބައެކެވެ. މޭބިސްކަދުރާއި ދޮންކޭލެވެ. ކިވީއާއި ޑްރެގަން ފުރުޓެވެ. އަދިވެސް ބައިވަރެވެ.

ކަރާ ފަނި ގިރާ މީހުން ކަރާ ފަނި ގިރަނީއެވެ. ޖޫސް ގިރާ މީހުން ޖޫސް ގިރަނީއެވެ. އެ ސަރަހައްދުގައި މޭޒު ޖަހާ މީހުން މޭޒު ޖަހަނީއެވެ.

މަސައްކަތެއް ނުކޮށް ހުއްޓި ހަމަ އެކަކު ވެސް ނުހުރެއެވެ.

ބަންގި ގޮވަން ގާތްވާ ވަރަކަށް، އެތަނުގައި ކާ އެއްޗހި ދިޔައީ އަތުރަމުންނެވެ. ފިހެވެމުންދިޔަ މަސްތަކުގެ މީރު ވަހުން ކުޅުދިޔާ ވަމުން ދިޔައެވެ.

ބޮޑު ރޯއްދަވީއްލުމުގައި 200އެއްހާ މަސް ވަނީ ފިހެފައި -- ފޮޓޯ/ އަހުމަދު ސަދޫފް މޫސާ

އިރުއޮއްސެން ދިހަވަރަކަށް މިނެޓަށް ވުމުން އެންމެން ތަށިތައް ނަގަން ފެށިއެވެ. ބަލާކަށް ނުހުރެ އަހަރެން ވެސް ގޮސް ތައްޓެއް ނަގައިފީމެވެ.

ވަރަށް ކާލާނަމޭ ހިތާ ހައެއްކަ ރޮށި ވެސް ތައްޓަށް ލީމެވެ. ހެދިކާ ވެސް ހެޓަކަށް އަޅައިލީމެވެ. ބަލާ ބެލުމަށް ވަރަށް މީރުވާނެތީއެވެ.

މަޣުރިބު ނަމާދު ބަންގީގެ އަޑަށް އެންމެން ރޯދަ ވީއްލިއެވެ. އެ ތަނުގައި ނުހުންނާނެ ހަމައެކަނި މީހުންނަކީ މި ރަށު މިސްކިތްތަކުގެ މުދިމުންނޭ ހިތަށް އެރިއެވެ. އެހައި ވެސް މީހުން އޮތެވެ.

ފެނުނު ސަޅި އެއް މަންޒަރަކީ އެ ރަށުގައި މަސައްކަތް ކުރަން އުޅޭ ބިދޭސީ އެތައް މުވައްޒަފުންތަކެއް ވެސް އެ ތަނުން ފެނުމުންނެވެ. ރައްޔިތުންގެ އުފަލާއި މަޖަލުގައި އެ މީހުން ބައިވެރިކުރާ މަންޒަރު ފެނުމަކީ ހިތްގައިމު މަންޒަރެކެވެ. އެ މީހުންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަވަރެވެ.

ދިއްގަރު ޒުވާނުންގެ ޖަމިއްޔާގެ ރައީސް ވިދާޅުވީ މިއީ ކޮންމެ ރޯދަމަހެއްގައި ވެސް މިކަން ކުރާ ގޮތް ކަމަށެވެ.

"ރަށު ރައްޔިތުންގެ އެއްބައިވަންތަކަން އާލާކުރުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. މިކަމުގެ ސަބަބުން ގުޅުންތައް ވަރުގަދަވެ، އަހުވަންތަކަން އިތުރުވެގެންދޭ،" ރައީސް ވިދާޅުވިއެވެ.

މި ރަށުން ވާހަކަ ދެއްކި އެހެން މީހުން ވެސް ބުނީ މި ސަގާފަތް ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ވެސް ގެންގޮސް ދިނުމަކީ އެ މީހުންގެ ވާޖިބެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އެކަން އެގޮތަށް ވުމަކީ އެ މީހުންގެ އުންމީދެވެ.

މި ރަށުގެ މަޝްހޫރީ ރިހާކުރެވެ. އެކަމަކު، މިއީ ވެސް ނަމޫނާއަކަށް ބަލަންވީ ކަންކަމެވެ. މި ބަރަކާތްތެރި މަހު، އެންމެން އެއްތަންވެލައި މި ގޮތަށް ގުޅުން ބަދަހި ކޮށްލުމަކީ ވަރަށް ސަޅި ކަމެކެވެ.

ދިއްގަރުގެ ބޮޑު ރޯދަވީއްލުމުގެ ތެރެއިން -- ފޮޓޯ/ ޑީޒެޑްޖޭ

އެއްބައިވަންތަކަމުގެ މަންޒަރުތައް ވެސް ފެނިއްޖެއެވެ. އެކުވެރިކަމާއި އަހުވަންތަކަމުގެ މަންޒަަރުތައް ވެސް ފެނުނެވެ.

އެކަމަކު، އޮއްސެމުންދިޔަ އިރާއެކު ދިއްގަރުން މި ފެނުނުވަރުގެ އެއްބައިވަންތަލކަމެއް އަހަންނެއް ނުދެކެމެވެ.

comment ކޮމެންޓް