މުދާ އުފުލާ އުޅަނދެއްގެ ވިޔަފާރި ހިންގުމުން މާވަށު މެޖިސްޓްރޭޓަށް ފިޔަވަޅު އަޅައިފި

ލ. މާވަށު ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރު: އޭނާއާށް ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައި ---

އުޅަނދެއްގެ ވިޔަފާރި ހިންގިކަން ސާބިތުވެ ލ. މާވަށު ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރަށް ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

އެ މައްސަލަ ޖޭއެސްސީން ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

މައްސަލަ ނިންމައި މިއަދު ޖޭއެސްސީން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ, ވައިބާ ކޮމިއުނިޓީ ގްރޫޕެއް އުފައްދައި އެ ގްރޫޕުގެ ސުޕަ އެޑްމިންއެއްގެ ގޮތުގައި ހަރަކާތްތެރިވެ، އެ ގްރޫޕުގައި އުޅަނދެއްގެ ދަތުރުފަތުރާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އެ އުޅަނދުން ކުރަމުންދިޔަ ވިޔަފާރި ހިންގުމުގައި އިސް މެޖިސްޓްރޭޓް އިސްމާޢީލް މާހިރު އަމަލީގޮތުން ހަރަކާތްތެރިވެފައިވާކަން ތަޙުޤީޤަށް ލިބިފައިވާ ހެކިތަކުންނާއި އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުގެ ޢިއުތިރާފުން ސާބިތުވާ ކަމަށެވެ.

އިސް މެޖިސްޓްރޭޓް އިސްމާޢީލް މާހިރުގެ އެ ޢަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލަކަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން އޭނާއަށް އެންގުމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ.

މެޖިސްޓްރޭޓް އިސްމާޢީލް މާހިރު މާވަށު ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަން ކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ.

comment ކޮމެންޓް