ޔޫއެސްއިން ކުރި ސާޖަރީއަށްފަހު އިރަމްގެ ހާލު ރަނގަޅު، ބޭނުންވަނީ އާއްމުންގެ ހެޔޮދުއާ!

އާމިނަތު އިރަމްގެ ހާލު މިހާރު ވަރަށް ރަނގަޅު --

މިދިޔަ އަހަރުގެ ރަމަޟާންމަހު ޓީވީއެމްގެ އިހުސާސް ޕްރޮގްރާމުގައި އެންމެން ރޮއްވާލީ އާމިނަތު އިރަމްގެ ހިތްދަތި ވާހަކައިންނެވެ. މުޅި ރާއްޖެ އެ ޕްރޮގްރާމަށްފަހު އިރަމްއާމެދު ހަމްދަރުދީވިއެވެ. އިރަމްއަށް އަވަސް ޝިފާއަކަށް އެދި އެންމެން ދުއާކުރިއެވެ.

ފުވައްމުލަކު ސިޓީއަށް އުފަން އިރަމްއަކީ އުފަންވީއިރު ވެސް ހިތުގެ މައްސަލައެއް ހުރި މީހެކެވެ. އިރަމްގެ ބައްޔަށް ލުޔެއް ލިބެން އޮތީ ލަންގް ޓްރާންސްޕްލާންޓެއް ހަދައި، ހިތުގެ ލައިގޭޝަން ހަދައިގެން ކަމަށް ޑޮކްޓަރުން އޮތީ ބުނެފައެވެ.

އިރަމްއަށް ހެޔޮއެދޭ އެންމެންނަށް މިއަދު އޮތީ އުފާވެރި ވާހަކައެކެވެ.

ރާއްޖޭން ބޭރުގައި ހުރެ ފޯނުން "ސަން"އާ ވާހަކަ ދައްކަމުން އިރަމް ބުނީ އެމެރިކާ (ޔޫއެސް)އިން ހިތުގެ ސާޖަރީއެއް ކުރުމަށްފަހު މިހާރު ވަރަށް ބޮޑަށް ހާލު ރަނގަޅު ކަމަށެވެ.

"އިރަމްގެ ހިތާއި ފުއްޕާމޭ ބަދަލު ނުކުރޭ. ޔޫއެސްއިން ބުނީ ބޭސްތައް ބަދަލުކޮށްގެންނާއި މިފަހަރު ކުރި ސާޖަރީގެ އެހީގައި އިރަމްއަށް ދިހަ އަހަރު ނޯމަލް ލައިފެއް އޮކްސިޖަނާ ނުލާ އުޅެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް،" އިރަމް ބުންޏެވެ.

އިރަމް ބުނި ގޮތުގައި އޭނާގެ ހިތުގައި އިން ދެ ލޯވަޅުގެ ތެރެއިން ކުޑަ ލޯވަޅު މިހާރު ވަނީ ބަންދުކުރެވިފައެވެ. އަދި ހިތުގައި ހުރި އާޓެރީ އަދި ވެއިންތައް ވަނީ ފުޅާ ކުރެވިފައެވެ.

ޔޫއެސްއިން ލަފާދިނީ މި ސާޖަރީގެ ނަތީޖާ ލިބެެންދެން އެ ގައުމުގައި މަޑުކުރުމަށެވެ. އެހެން ނަމަވެސް އެއީ މާ ގިނަ ޚަރަދުތައް ހިނގާ ކަމަކަށް ވާތީ، ޔޫއެސްގައި މަޑު ކުރެވޭކަށް ނެތެވެ.

ޔޫއެސްގެ ޑޮކްޓަރުންނާ ވާހަކަ ދައްކައިގެން އިންޑިއާގެ ކެރެލާގައި ހުންނަ މަޔޯ ކްލިނިކްގެ އިރުޝާދުގެ ދަށުން އެއް އަހަރު އެ ގައުމުގައި މަޑުކުރަން ނިންމީ ކަމަށް އިރަމް ކިޔައިދިނެވެ.

"އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުން ދިން ލާރިއާއި އެންއެސްޕީއޭއިން ދިން ރުފިޔާ ހޮސްޕިޓަލަށާއި ޔޫއެސްގައި ތިބުމަށް ހަރަދުވީ. ގާތްގަނޑަކަށް ޔޫއެސްގައި ސާޖަރީއަށާއި ޓެސްޓުތަކަށާއި ތިބުމަށް 80،000 ޑޮލަރު ހޭދަވި،" އިރަމް ކިޔައިދިނެވެ.

ރަށުން ސުކޫލު ނިންމުމަށްފަހު އިރަމް މާލެ ބަދަލުވީ ފޮނި ހުވަފެންތަކަކާއެކުއެވެ. މުސްތަގުބަލަށް ކުރި އެތައް އުންމީދަކާއެކުއެވެ. މާލެ އައިސް ކޭޝިއަރެއްގެ ގޮތުގައި ފިހާރައެއްގައި މަސައްކަތްކުރިއެވެ. އެއީ އޭނާ ބަލިވާން ފެށި ދުވަސްވަރެވެ. އެއްވެސް ކަމަކާ ނުލައި ވަރުބަލިވާން ފެށީއެވެ.

އޭގެ ފަހުން ހާލު ދެރަވެ އޭނާ އައިސީޔޫގައި އެޑްމިޓް ވެސް ކުރެވުނެވެ. ނަމަވެސް، 2011އިން ފެށިގެން އިރަމްގެ އަސްލު ބައްޔަކީ ކޮބައިކަމެއް ނޭނގުނެވެ. އޭނާއަކީ "އެސެންމިގާ ސިންޑްރޯމް"ގެ ޝިކާރައަކަށްވެފައިވާ މީހެއްކަން އެނގުނީ 2018ވަނަ އަހަރުގެ މެދުތެރޭގައެވެ.

އަބަދުހެން އިރަމް ހުންނަނީ ނޭވާ ކުރުވެފައެވެ. އެހެންވެ، ހިނގާބިނގާވެ އުޅެން ވެސް އުނދަގޫވެއެވެ. ދުރު ތާކަށް ދާންވެއްޖެނަމަ އިހުތިޔާރު ކުރަނީ ފުރޮޅުލީ ގޮނޑިއެވެ.

އިރަމް ބަލިވީއްސުރެ މިއަދާ ހަމައަށް ވެސް ދެގޮތެއް ނުވެ އޭނާގެ ގާތުގައި ދެ ގޮތެއްނުވެ ހުރި މީހަކީ އޭނާގެ ފިރިމީހާ ޔާސިރު އަހްމަދެވެ. ބަލިވުމުން، އިރަމް ދޫކޮށް ޔާސިރު ނުދެއެވެ. މާ ބޮޑަށް އަޅާލުމާއި ލޯބި ދިނެވެ.

އިރަމްއަށް އޭނާގެ އާއިލާގެ ފަރާތުން ވެސް ލިބުނީ ހުއްޓުމެއް ނެތް ލޯތްބާއި އަޅާލުމެވެ. ކުލުނާއި ހަމްދަރުދީއެވެ.

އޮކްސިޖަންއާ ނުލައި 10 އަހަރު އުޅެވޭނެކަމުގެ ޔަގީންކަން ޔޫއެސްއިން މިއަދު ދެއެވެ. އެ ސާޖަރީ އޭނާއަށް ކުރެވުނީ އެތައް ބައެއްގެ މަދަދާއި އެހީއާއެކުއެވެ.

އެކަމަކު، އަދިވެސް މުޖުތަމައުގެ އެހީތެރިކަމަށް އިރަމް ބޭނުންވެއެވެ. އިންޑިއާގައި އެއް އަހަރު އޭނާ މަޑުކުރަން ޖެހެއެވެ. ބޭސް ގަތުމަށާއި އެހެން ވެސް ކަންކަމަށް ޚަރަދު ހިނގާނެއެވެ.

އެކައުންޓު ނަން: އައިމިނަތު އިރަމް އަހްމަދު
އެކައުންޓް ނަމްބަރ (ރުފިޔާ): 7730000142133
އެކައުންޓް ނަމްބަރ (ޑޮލަރު): 7730000256391

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައިފައި ވެއެވެ.

من كان في حاجة أخيه ، كان الله في حاجته

އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައިވާ މީހާގެ ބޭނުންތައް ފުއްދައިދިނުމުގައި ﷲ ވޮޑިގެންވެއެވެ.

ومَن فَرَّجَ عن مُسْلِمٍ كُرْبَةً، فَرَّجَ اللَّهُعنْه بها كُرْبَةً مِن كُرَبِ يَومِ القِيامَةِ
އަދި މުސްލިމެއްގެ ކިބައިން ދަތި އުނދަގޫ ބޮޑުކަމެއް (އޭނާގެ ހިތަށް ތަދުވާ، އަސަރުކުރުވާ ކަމެއް)ފިލުވައިދީ ދުރުކޮށްދިން މީހާއަށް ، (ދަރިއަކުން ، މުދަލުން މަންފާ ނުކުރާނޭ) ޤިޔާމަތް ދުވަހު ދިމާވާ ދަތިކަމެއް ފިލުވައިދެއްވާނެއެވެ.

comment ކޮމެންޓް