ދީނުން ފިލާވަޅެއް: ސުވަރުގެއިން ރީތި ގަނޑުވަރުކޮޅެއް ލިބޭނީ ކޮން ބަޔަކަށް؟

ކޮން ބޭފުޅަކުތޯ ބޭނުންވަނީ ސުވަރުގެއިން ރީތި ގަނޑުވަރުކޮޅެއް؟ ކޮން ބޭފުޅަކުތޯ ބޭނުންވަނީ މިއަދު ދުނިޔޭގަ ބޮޑު ފްލެޓެއް؟ ކޮންމެ މީހަކު ވެސް ބޭނުންވޭ އެހެންނޫންތޯ!

ސުވަރުގެއިން އަޅުގަނޑުމެންނަށް ގަނޑުވަރުކޮޅެއް ހޯދެން އެބައޮތެވެ. ސުވަރުގޭގެ ގަނޑުވަރުތައް، ކޮޓަރިކޮޅުތައް ހުންނަނީ ކޮންގޮތަަކަށްތޯ؟ އެ ކޮޓަރިކޮޅުތައް ވަނީ ޔާގޫތުންނެވެ. އެ ކޮޓަރިކޮޅުތައް ވަނީ ރަނުންނެވެ.

ނިކަން އަޑުއައްސަވާ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގަ އެ ކަލޭގެފާނު އެއްދުވަހަކު މަޖިލީހެއްގައި އިންނެވިއެވެ. އިށީނދެ ވަޑައިގެން އެކަލޭގެފާނު ހަދީސްކުރައްވަނީ ސުވަރުގޭގަ ކޮޓަރިކޮޅުތަކެއްވެއެވެ. އެ ކޮޓަރިކޮޅުގެ ބޭރުން އެތެރެ ފެންނަ އަދި އެތެރެއިން ބޭރު ފެންނަ ކޮޓަރިކޮޅުތަކެއްވެއެވެ.

އަޅުގަނޑުމެންނަށް ސިފަކުރެވޭނީ ބިއްލޫރި އެހެންނޫންތޯ؟ އެހިނދު އެ މަޖިލީހުގައި އިންނެވި ޞަހާބީ ބޭފުޅަކު އަބޫ މާލިކުލް އަޝްހަރީ ދަންނަވަނީ އޭ ﷲގެ ރަސޫލާއެވެ. ތި ކޮޓަރިކޮޅުތައް ވަނީ ކާކަށްތޯއެވެ؟ އެހިނދު އެކަލޭގެފާނު ހަދީސްކުރައްވަނީ އެކޮޓަރިކޮޅުތައް ވަނީ މަޑުމޮޅިކޮށް، ރީތިކޮށް ވާހަކަދައްކާ މީހާއަށެވެ. އަދި ކާންދޭ މީހައަށެވެ. އެއްބަޔަކު އަނެއްބަޔަކަށް ކާންދިނުން މިތާގެ މުރާދަކީ ފަޤީރުންނާއި މިސްކީނުންނަށް ކާންދިނުމެވެ. އަދި މީސްތަކުން ނިދާފައިވަނިކޮށް ނަމާދު ގާއިމްކުރާ މީހާއެވެ. ރޭ އަޅުކަންކުރާ މީހާއެވެ.

އެހެން ރިވާޔަތެއްގައި ވަނީ ރޯދަހިފާމީހާއެވެ. ނިކަންބައްލަވާ މި ކަންކަން އަޅުގަނޑުމެން ކޮށްފި ކަމުގައި ވާނަމަ ސުވަރުގެއިން އަޅުގަނޑުމެންނަށް ކޮޓަރިކޮޅެއް އެބަ ލިބެއެވެ. އަޅުގަނޑުމެން ސުވަރުގެއިން ކޮޓަރިކޮޅަކަށް އެދޭނަމަ ރީތި ބަހުން ވާހަކަ ދައްކަވަންވީއެވެ. މީހުންނަށް ހެޔޮކަންކަން ކޮއްދޭންވީ، ފަޤީރުންނާއި މިސްކީނުންނަށް ކާންދޭންވީއެވެ. ހަމަ އެއާއެކު ރޭ އަޅުކަންކުރާ ރޭގަނޑު ނަމާދުކޮށް ހަދާ ބަޔަކަށް ވާންވީއެވެ. އަދި ރޯދައަށް ތަބާވާ ބަޔަކަށް އަޅުގަނޑުމެން ވާންވީއެވެ. އޭރުން އަޅުގަނޑުމެންނަށް ސުވަރުގެއިން ކޮޓަރިކޮޅެއް ލިބޭނެއެވެ.

comment ކޮމެންޓް