އީގަލްސްއިން ލީގުގެ އެއް ވަނައަށް ޖެހިލައިފި

ލީގުގައި މިރޭ އީގަލްސްއާއި ޓީސީ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ކުލަބް އީގަލްސް އިން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފިއެވެ.

މިރޭގެ މެޗަށް ނިކުތްއިރު އީގަލްސް އޮތީ 19 ޕޮއިންޓާއެކު ތާވާލްގެ ދެ ވަނަ މަގާމުގައެވެ. އެއް ވަނައިގައި 21 ޕޮއިންޓާއެކު އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. މިރޭގެ މޮޅާއެކު އީގަލްސްއިން އެއް ވަނައަށް ޖެހިލީ މާޒިޔާއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

އީގަލްސް ވަނީ މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒައިން ޒަފަރެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޙަސަން ރާއިފް އަޙްމަދު (ހަންނަ) ދިން ބޯޅައެއް ގޯލަށް ފޮނުވާލާއިގެންނެވެ.

އީގަލްސް އިން ފުރަތަމަ ހާފުގައި އިތުރު ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ އިމްރާން ނަޝީދު (އިންމަ) ފޮނުވާލި ހަމަލާ ދިޔައީ ޓީސީގެ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އީގަލްސް އެ ޓީމުގެ ދެ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު އަޙްމަދު ނޫމާން (ހެލްމެޓް) ވަނީ އީގަލްސްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ ޙުސެއިން ސިފާއު ޔޫސުފް (ކުރޯ) ނެގި ހުރަހަކުންނެވެ.

އޭގެ ފަހުން ވެސް އީގަލްސް އިން ވަނީ އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ. އީގަސްގެ ތިން ވަނަ ލަނޑު މެޗުގެ 66 މިނެޓުހައި ޖަހަދިނީ ހަންނައެވެ. މި ލަނޑު އޭނާ ޖަހާފއިވަނީ އަޙްމަދު ޙަސަން (އައްމަޑޭ) ދިން ބޯޅައެއް ހިފައިގެން ޓީސީގެ އޭރިޔާ ތެރެއަށްވަދެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފަހުކޮޅު ޓީސީން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ޓީސީގެ އަހުމަދު ޒައުލް ނާޒިމް ފޮނުވާލި ހަމަލާ އީގަލްސްގެ ކީޕަރު ސަން އަލީފް އިބްރާހިމް ވަނީ މަތަކޮށްފައެވެ. ކީޕަރު އަލީފް ބޯޅަ މަތަކުރި ވަގުތު ރީ ބައުންސަށް ނިކުން ބޯޅަ ލިބުނީ ނިޝާމް މުޙައްމަދު ރަޝީދު (ޕޮގްބާ)އަށެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މިރޭގެ މެޗުން މޮޅުވެ އީގަލްސް އެއް ވަނަ މަގާމަށް ޖެހިލިއިރު، ބަލިވި ޓީސީ ވަނީ ހަ ވަނަ އަށް ވެއްޓިފައެވެ. ލީގުގައި މާދަމާ ރޭ ކުލަބް ވެލެންސިއާ އާއި މާޒިޔާ ބައްދަލުކުރާނެއެވެ. އެ މެޗުން މޮޅުވެ ތާވަލްގެ އެއް ވަނަ މަގާމަށް އެރުމުގެ ފުރުސަތު މާޒިޔާއަށް އެބަ އޮތެވެ.

comment ކޮމެންޓް