ގްރީން އަތުން ވެސް ވެލެންސިއާ ބަލިވެއްޖެ

ލީގުގައި މިރޭ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުލަބް ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ކާމިޔާބުކުރި މެޗުން ވެސް ވެލެންސިއާ ބަލިވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން ވެލެންސިއާ ބަލިވެފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ދާދި ފަހުން ވެލެންސިއާ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 13-0 އިން ބަލިވެފައެވެ.

މިރޭގެ މެޗު ފަށަައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ގްރީން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަންސަރު އިބްރާހިމް (އަންކޮ) އެވެ.

ގްރީން އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހާފައިޗަނީ މެޗުގެ 22 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހާފައިވަނީ އަވީލާ ތަނަވަސްކޮށްދިން ބޯޅައަކުން ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ)އެވެ.

ވެލެންސިއާގެ ފުރަތަމަ ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ 30 ވަނަ މިނެޓުފައެވެ. މި ލަނޑު ޖަހާފައިވަނީ އިސްމާއިލް އީސަ (މެސީ)އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އޭގެ ފަހުން ވެސް ވެލެންސިއާއިން ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި އީސަ ފޮނުވާލި ހަމަލާ ގްރީންގެ ކީޕަރު ހަނީފްގެ އަތުގައި ޖެހި ރީބައުންސަށް ނިކުން ބޯޅަ ގޯލަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ ބޯހާސް މާޓިންއެވެ.

ފުރަތަމަ ހާފު ދެ ޓީމު އެއްވަރުގައި އޮވެ ނިމުނުއިރު، ގްރީން މޮޅު ކޮށްދިން ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖެހީ ހަސަން ނަޒީމް (ޗޯޓު)އެވެ. އޭރިޔާ ތެރެެއިން ލިބުނު ފުރުސަތެއްގައި ޗޯޓު ފޮނުވާލި ބޯޅަ އަމަޒުވީ ގޯލުގެ އަރިމަތީ ކަނަށެވެ.

މެެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ގްރީން އިން ހަތް ވަނައިގައި އޮތީ 11 ޕޮއިންޓު ހޯދައިގެންނެވެ. ވެލެންސިއާ އޮތީ ހަަތަރު ވަނައިގައި 13 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް