ސަސްއިން ދަ ގްރާންޑޭ ބަލިކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުހައި ކުޅުނު މި މެޗު 3-1 އިން ކާމިޔާބުކޮށް ސަސް އިން ވަނީ ލީގު ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފައެވެ.

މެޗު ފަށައިގެން ކުރީކޮޅު ދަ ގްރާންޑޭގެ އިސްމާއިލް ނަޒީހު ފޮނުވާލި ހަމަލާ ސަސްގެ ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފައެވެ. ސަސްއަށް ލިބުނު ފުރުސަތެއްގައި އެ ޓީމުގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ވެސް ސަސްއެވެ. އެ ޓީމުން ލީޑު ނަގާފައިވަނީ 39 ވަނަ މިނެޓުގައި އިއްބެ ކާމިޔާބުކޮށްދިން ގޯލުންނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މުހައްމަދު އައްޒާމް ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 60 ވަނަ މިނެޓުގައި ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑި ޖަހާފައިވަނީ އައްޒާމްގެ އެހީތެރިކަމާއެކުއެވެ.

ލީޑުގައި އޮވެ ސަސް އިން ކުޅެމުން ދަނިކޮށް، ދަ ގްރާންޑޭގެ ނަޖާހު އަބްދުލް ރަހީމް ވަނީ ލަނޑެއ ޖަހައި އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ސަސްގެ ތިން ވަނަ ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ 88 ވަނަ މިނެޓުގައެވެ. ސަސްފެ އަލީ ނަސޫހު ރަޝީދު (ޕިލާ) ދިން ބޯޅައަކުން، ބޯޅަ ގޯލަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ މުަހއްމަދު ސަހާއު (ބޭލް)އެވެ.
ލީގުގައި މާދަމާ ރޭ ޔުނައިޓެޑް ވިކްޓަރީ ނިކުންނާނީ ކުލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

comment ކޮމެންޓް