މަޖިލީހުގެ ޖަލްސާތައް އިޝާރާތް ބަހުރުވައިން ކިޔައިދޭން ފަށަނީ

ސައިން ލެންގްއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ -- ފޮޓޯ މަޖިލީސް

އަޑުއިވުމުން މަޙްރޫމް ވެފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތް ބަހުރުވައިން ކިޔައިދޭ ގޮތަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އިޝާރާތް ބަހުރުވައިން ކިޔައިދިނުމަށް އެދި މިދިޔަ ޑިސެންބަރު މަހު ބޭއްވި ޔޫތް ޕާލިމެންޓް ތެރޭގައި ވެސް ވަނީ އެފަދަ ކުއްޖެއްގެ ފަރާތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދަންނަވާފައެވެ.

އޭގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ވީހާ ވެސް އަހަކަށް އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް ވިދާޅުވީ އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާ އިން ފަށައިގެން މަޖިލީހުގެ ހުރިހާ ޖަލްސާއަކާއި މުހިއްމު އިވެންޓްތައް ވެސް އިޝާރާތް ބަހުރުވައިން ގެނެސްދޭން ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން ފަށައިގަންނައިރު މި ގެނެސްދެނީ ޖަލްސާ ތަކާއި ބޮޑެތި މުހިއްމު އިވެންޓްތައް. ދެން ފަހުން އިރާދަކުރެއްވިއްޔާ ކޮމެޓީތައް ވެސް އިޝާރާތް ބަހުރުވައިން ގެނެސްދޭނަން،"

މަޖިލީހުގެ ޖަލްސާތައް އިޝާރާތް ބަހުރުވައިން ގެނެސްދޭނީ ސައިން ލެންގްއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީއެވެ.

ޒިޔާ ވިދާޅުވީ މަޖިލީހުގެ ޓީމުގައި ފަޒްނީ ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މީގެ އިތުރުން ޒިޔާ ވަނީ ފަޒްނީއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންވާފައެވެ.

comment ކޮމެންޓް