ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ޔަގީންކޮށްދިނުމަށް ޕްރޮގްރާމެއް ފަށައި، ނުކުޅެދުންތެރިކަން ހުންނަ ތިރީސް މީހުންނަށް މިއަދު ވަޒީފާގެ ލިޔުން ދީފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އެ ރަސްމިއްޔާތުގައި ސާޖިދާ ދެއްކެވި ވާހަކަފުޅުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނެރުމަކީ ޞިއްޙީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީފާގެ މާހައުލުގައި އައު ރައްޓެހިން ލިބުމަކީ ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތަޢުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ކޮންމެ ދުވަހަކު ވަކިގަޑިއެއްގައި ހޭލުމާއި، ގަޑިން ގަޑިއަށް ވަކި ކަންތައްތަކެއް ކުރުމަކީ ހަރުދަނާ ސިފަތައް އަށަގަންނަ ކަމެއްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ވަޒީފާގެ ފުރުޞަތު ފަހިވެގެންދިޔަ ފަރާތްތަކަށް، މިއީ އެކިކަހަލަ ހުނަރުތައް އަށަގަތުމާއި އެ ހުނަރުތައް ތަރައްޤީކުރުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓެލްކޯގެ ވަޒީފާއާ އަލަށް ގުޅުނު 30 ފަރާތަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
އެއާއެކު، މިހާރު ސްޓެލްކޯގައި މަސައްކަތް ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖުމުލަ އަދަދު 80 އަށް އަރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯ އިން ބުނީ އެ މުވައްޒަފުން ޓެކްނިކަލް އަދި ނޮން ޓެކްނިކަލް ދާއިރާތަކުގައި ވެސް ޚިދުމަތް ކުރަމުންދާ ކަމަށެވެ.
މި ރަސްމިއްޔާތު ފެށުމުގެ ކުރިން، މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކުންފުނީގެ މަސައްކަތުގައި އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި އަނިޔާވެ، ރާއްޖެއިން ބޭރުގައި ފަރުވާދެމުންދަނިކޮށް މިއަދު ނިޔާވި ސްޓެލްކޯގެ މުވައްޒަފު، އަހްމަދު އަޒްމީލްގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނައުންވެސް އޮތެވެ.