ޗޯޓުގެ ހެޓްރިކާއެކު ގްރީން މޮޅުވެއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ޙަސަން ނަޒީމް ގާސިމް (ޗޯޓު)ގެ ހެޓްރިކާއެކު ކުލަބް ގްރީން ސްޓްރީޓްސް މޮޅުވެެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން ގްރީން މޮޅުވެފައިވަނީ 4-0ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގްރީން ފުރަތަމަ ލީޑު ނަގާފައިވަނީ ނުވަ ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ހޯސޭ އަވީލާއެވެ. އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ޗޯޓު ވަނީ އޭނާގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަޙުމަދު ނާހިލް އިބްރާހީމް ތަނަވަސްކޮށްދިން ބޯޅައަކުންނެވެ.

ޗޯޓުގެ ދެ ވަނަ ލަނޑު އޭނާ ޖަހާފައިވަނި 84 ވަނަ މިނެޓުގައެވެ. އޭރިޔާ ތެރެއަށް ބޯޅައާއެކު ވަދެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. މެޗުގެ 90 ވަނަ މިނެޓުގައި ޗޯޓު ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ.

މި މެޗާއެކު ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ހަފްތާގެ ކުޅުން ވަނީ ނިމިފައެވެ. ކޮންމެ ޓީމަކުން ވެސް ވަނީ އެއް މެޗު ކުޅެފައެވެ. ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 21 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ކުލަބް އީގަލްސްއަށް 19 ޕޮއިންޓް ލިބޭއިރު، ތިން ވަނައިގައި އޮތް ކުލަބް ވެލެންސިއާއަށް ލިބެނީ 13 ޕޮއިންޓެވެ.

comment ކޮމެންޓް