މަޖިލިސް ތަޅުން ބޭނުންކުރަނީ އެމްޑީޕީ އިންތިޚާބު ޕްރޮމޯޓުކުރަން، ލަދުގަންނަންޖެހޭ: ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން މިއަދު ބޭނުންކުރަމުން އަންނަނީ ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބު ޕްރޮމޯޓު ކުރުމަށް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުންފުނިތަކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން، މެދު ހެންވެއިރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޕީޖީ ޢަލީ އާޒިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ބިލަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ސަރުކާރު ހިއްސާވާ 36 ކުންފުންޏެއް އެބައޮތް ކަމަށާއި އެހެންނަމަވެސް އޭގެ ތެރެއިން މަސައްކަތް ކުރަމުން އަންނަނީ އެންމެ 10 ކުންފުނިން ކަމަށެވެ.

މި ސަރުކާރުން ވެސް މިހާތަނަށް 12 ކުންފުންޏެއް އުފައްދައިފައިވާ ކަން ފާހަގަކުރައްވައި، އާޒިމް ވަނީ މީގެ ތެރެއިން ބައެއް ކުންފުނިތަކަކީ ޖީބަށް ބޮޑުކުރަން ހިންގާލާ ކުންފުނިތަކެއް ކަމަށް ވިދާޅުވެ، ސަރުކާރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލަށް ފާޑުވިދާޅުވެފައެވެ.

"ބޯހިޔާވަހިިކަމަށްޓަކައި ހަދައިފި ތިން ކުންފުނި، [މީގެ ތެރެއިން] އެއް ކުންފުންޏަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން. މީގެ ކުންފުންޏަކުންވާ ކަމެއް މިއަދާ ހިސާބަށް ނެތް،" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކައަށް ރައްދު ދެއްވަމުން ސަނީފް ވިދާޅުވީ ބިލަށް ބަހުސް ކުރިއިރު އާޒިމް ދެއްކެވީ ހުދުމުހުތާރު ވާހަކަތަކެއް ކަމަށާއި، ޕާޓީގެ ރައީސް ރިޔާސަތުގައި އިންނަވަނިކޮށް އެފަދަ ވާހަކަތަކެއް ދެއްކުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ.

ސަނީފް އިތުރަށް ވިދާޅުވީ މަޖިލީހުގެ ތަޅުން މިހާރު ވެގެން ގޮސްފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ވަކި ބައެއްގެ ފިކުރު ޕްރޮމޯޓުކުރަން ބޭނުންކުރާ ތަނަކަށް ކަމަށެވެ.

"މި ތަޅުމަކީ މިއީ މިއަދު ފެނިގެންމިދަނީ އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވާހަކަ ދެއްކުމަށް ޓަކައި، ޕްރޮމޯޓު ކުރުމަށް ޓަކައި ހިނގާ ތަނެއް ކަމަށް ވާތީ، އެއީ އަޅުގަނޑުމެން ލަދުވެތިވާ ކަމެއް،" ސަނީފް ވިދާޅުވިއެވެ.

ހަމައެހެންމެ އެމްޑީޕީގެ ޕީޖީ ލީޑަރުކަން ކޮށްފައިވާ މެންބަރަކު ސަރުކާރަށް އެފަދަ ގޮތަކަށް ފާޑުކިޔުމަކީ ލަދުގަންނަން ޖެހޭނޭ ކަމެއް ކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފްގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ އާޒިމް ދެއްކެވި ވާހަކަތައް ދިފާއުކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވަން ޖެހެނީ މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށާއި އެހެން މެންބަރުން ހިތް އެދޭ ގޮތަށް ނޫން ކަމަށެވެ.

"ހެންވެއިރު މެދު ދާއިރާގެ މެންބަރު ދެއްކެވި ވާހަކަތަކުގައި ދިވެހިރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދާއި އެ ކުންފުނިތަކުން ކުރަމުން ގެންދާ ކަންކަމާއި އެ ކުންފުނިތައް އުފައްދައިފައިވާ ދުވަސްވަރުތަކާ މި މައުލޫމާތު އެ ބޭފުޅާ ދެއްވަމުން ގެންދެވީ، އެ މައުލޫމާތު އެހެން ކަންކަމާ ތި ގުޅުވަނީ އިއްޒަތްތެރި މެންބަރު،" މެންބަރު އާޒިމް ދިފާއު ކުރައްވައި ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް