އެމްޑަބްލިއުއެސްސީގެ 27 އަހަރުގެ ޚިދުމަތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިއްޖެ: ޝާހު

އެމްޑަބްލިއެއްސީގެ މަސައްކަތްތެރިން -- ފޮޓޯ/ އެމްޑަބްލިއުއެސްސީ

މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ 27 އަހަރުގެ ދިގު ތާރީޚުގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މުވައްޒަފުންގެ ޚާއްސަ އެސެމްބްލީއެއްގައި ޝާހު ވިދާޅުވީ ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކުންފުންޏަކީ އެމްޑަބްލިއުއެސްސީ ކަމަށެވެ. އަދި މިއަހަރަކީ އެމްޑަބްލިއުއެސްސީގެ ހަޔާތުގައި ވެސް އެންމެ ގިނަ މަޝްރޫޢުތައް ހިންގާ އަހަރުކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ ވުޖޫދުވެފައި ވަނީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ މާލެއަށް އޭރު ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދާ، ދެމެހެއްޓެނިވި ސާފު ބޯފެން ރައްކާތެރި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

އެގޮތުން 27 އަހަރުތެރޭ ކުންފުނިން ވަނީ ތަފާތު ރޮނގުރޮނގުން ކުރިއެރުންތައް ހޯދާފައެވެ. ފެނާއި ނަރުދަމާ ޚިދުމަތުގެ ކެޕޭސިޓީއާއި، މުވައްޒަފުންގެ އަދަދާއި، މީހުން ބިނާކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމްކުރުމާއި، އިންފްރާންސްޓްރަކްޗާ ބިނާކުރުމުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށްލެލެވެއެވެ.

މާލޭސިޓީގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ވެސް އެމްޑަބްލިއުއެސްސީން މިހާރު ޚިދުމަތް ފޯރުކޮށްދެއެވެ. އެގޮތުން ރ. ދުވާފަރުގައި ކަރަންޓުގެ ޚިދުމަތާއި ރައްކާތެރިގޮތެއްގައި ކުނި ނައްތާލުމުގެ ޚިދުމަތާއި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ. މިއަދު އެ ކުންފުންޏަކީ އިންޖިނިއަރިން، ޓްރޭޑިން އަދި މެނުފެކްޗަރިންގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

މީގެއިތުރުން ހުޅުމާލޭގައި ކާރުޚާނާއެއް ގާއިމްކޮށް، އެ ކުންފުނިން މިހާރު އަންނަނީ ފުޅީގައި ބަންދުކުރި ފެނާއި ޕްރިފޯމް ވެސް އުފައްދަމުންނެވެ. އަދި ކ.ގުޅީފަޅުގައި ޕައިޕް ފެކްޓްރީއެއް ގާއިމްކޮށް އެ ކުންފުނިން އަންނަނީ އެކިވައްތަރުގެ ޕައިޕް އުފައްދާ ވިއްކަމުންނެވެ.

comment ކޮމެންޓް