މެގުއާއަށް އެންމެ މަތީ ފަންތީގައި ކުޅެވޭނެ: ސައުތުގޭޓް

އިންގްލޭންޑްގެ ޤައުމީ ޓީމުގެ ކޯޗު ސައުތުގޭޓް އަދި މެގުއާ

އިންގްލޭންޑްގެ ގައުމީ ޓީމުގެ ސެންޓަ ބެކަށް ކުޅެމުން އަންނަ އުމުރުން 29 އަހަރުގެ ހެރީ މެގުއާއަށް ފުޓުބޯޅައިގެން މަތީ ފަންތީގައި ކުޅެވޭނެކަމަށް އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތުގޭޓް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މެގުއާ އެ ޓީމަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވީ ލެއިސްޓާ ސިޓީގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު، ރެކޯޑު ފީއަކަށެވެ.

ޔުނައިޓެޑްގައި އޭނާ ދައްކާ ކުޅުމުގެ ސަބަބުން ގިނަ ބަޔަކު މެގުއާ އަށް ފާޑު ކިޔާ ނަމަވެސް، ސައުތުގޭޓް އަންނަނީ ކޮންމެ ފަހަރަކު އޭނާ ދިފާއުގައި ނިކުންނަމުންނެވެ.

މެގުއާ ވަނީ އިންގްލޭންޑާއެކު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅެފައެވެ. އަދި އެންމެ ފަހުން ބޭއްވި ޔޫރޯގެ ފައިނަލްގައި ވެސް ކުޅުނެވެ. އެހެންކަމުން އެއީ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި އޭނާއަށް ކުޅެވޭނެ ކަމާމެދު ޝައްކެއް ނެތްކަން ހާމަވާ ކަމެއް ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

"މެގުއާ ވަނީ އަހަރެމެން ގޮވައިގެން ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އަދި ޔޫރޯގެ ފައިނަލަށް ގޮސްފައި. އެކަމުން ދޭހަވަނީ ފުޓުބޯޅައިގެ އެންމެ މަތީ ލެވެލްގައި އޭނާ އަށް ކުޅެވޭނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަން. އަހަރެންނަށް އިނގޭ ގައުމީ ޓީމަށް ކުޅުންތެރިން ނަގާއިރު ކްލަބު ލެވެލްގައި ދައްކާ ކުޅުމަށް ބަލާކަން. އެކަމަކު ގަބޫލުކުރަން އެބަޖެހޭ އަބަދުވެސް އިނގިރޭސި ގައުމީ ޖާޒީގައި މޮޅަށް ކުޅޭ ކުޅުންތެރިން އެބަ އުޅޭކަން،" ކޯޗު ސައުތުގޭޓް ބުންޏެވެ.

ސައުުތުގޭޓް މިހެން ބުނި ނަމަވެސް، ޔުނައިޓެޑްގައި މެގުއާ ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން އޭނާއާ ޓީމުގެ ކުޅުންތެރިންނާ ދެމެދު ރަނގަޅު ގުޅުމެއް ނޯންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ފުރަތަމަ 11 ގައި އޭނާ ހިމަނާތީ ސީނިއާ ބައެއް ކުޅުންތެރިން ހިތްހަމަ ނުޖެހެއެވެ.

comment ކޮމެންޓް