ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ޑިސެމްބަރު މަހު

މިދިޔަ އަހަރު ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތެރެއިން -- ފޮޓޯ / ވީއޭއެމް

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ޢާންމުކޮށްފައިވާ ތާވަލުގައިވާ ގޮތުން މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18ގައެވެ.

މި މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީ މިދިޔަ ޑިސެމްބަރު މަހު ބަންްގްލަދޭޝްގައި ބޭއްވި އޭވީސީ އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބައްދަލުވުމުގެއެވެ.

އެންމެ ފަހުން ރާއްޖޭގައި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބާއްވާފައިވަނީ 2017 ވަަނަ އަހަރުއެވެ. އަދި 2019 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނު ނަމަވެސް، ކޮވިޑް 19 އާއި ގުޅިގެންް އެ އަހަރު ރާއްޖޭގައި މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމު ވެސް ވާދަކުރާނެއެވެ. މުބާރާތުގައި ވީއޭއެމްގެ ޓާގެޓަކީ މެޑަލްއެއް ހޯދުމެވެ. ވީއޭއެމް އިން އަންނަނީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ގައުމީ ފިރިހެން ވޮލީ ޓީމަށް ވަނީ ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ހަމަޖައްސައި ޓްރެއިނިންތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި މިހާރު ވެސް އަންހެން ޓީމުގެ ހެޑް ކޯޗަކީ މުމްތާޒް އަލީ (މުންތޭ)އެވެ.

ވީއޭއެމްގެ ރައީސްކަމާ މުޙައްމަދު ރަނޭޝް (ރަނޭ) ހަވާލުވި ފަހުން ވޮލީއަށް ކުރިއެރުންތަކެެއް ހޯދުމަށް ވަރަށް ބޮޑު މަސައްކަތެެއް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް