ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުން މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ފުލުހުން ހިންގީ މ. މުލީގައާއި ގދ. ތިނަދޫގައެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ މުލީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި، އުމުރުން 31 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ، ދެ މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 32 ރަބަރު ޕެކެޓު ފެނުމުންނެވެ.

ތިނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެ ރަށު މަގުމަތިން އެ މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 10 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެ މައްސަލައާ ގުޅުވައިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް