ދައުލަތުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުވައްމުލަކުގައި ޤުރުއާނާ ބެހޭ މަރުކަޒެއް އިމާރާތް ކުރަނީ

ފުވައްމުލަކުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް އިމާރާތް ކުރުމުގެ އެއްބަސްވުން ބަދަލު ކުރުން -- ފޮޓޯ/ މިނިސްޓްރީ

ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށް، އެކަމާބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މި މަސައްކަތް ހަވާލު ކޮށްފައިވަނީ ރައިސާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. ރައިސާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެޗްއާރު މެނޭޖަރު މުސްޠަފާ މުޙައްމަދުފުޅެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒާހިރު ވިދާޅުވީ ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް އިމާރާތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯސްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދައުލަތުގެ ބަޖެޓުން 12 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި ތަނަކީ ދެ ފަންގިފިލާއަށް އިމާރާތް ކުރަން ހަމަޖައްސާފައިވާ މަރުކަޒެއް ކަމަށެވެ.

މި އިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިއަމަކާއި، ލައިބްރަރީއެއްގެ އިތުރުން މީޓިން ރޫމެއް ހަދަން ނިންމާފައިވާއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ނަމާދު ކުރާނެ ތަނެއް އިމާރާތްކުރާނެއެވެ.

މިސްކިތުގެ ނަމާދުކުރާ ޖާގައިގައި އެއްފަހަރާ 30 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް