އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އަންހެނަކު ހޮވުމަށް ޝާހިދު ގޮވާލައްވައިފި

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު --- ފޮޓޯ/ ޒިންހުއާ

އދ.ގެ ސެކްރެޓްރީ ޖެނެރަލް ކަމަށް ދެން އަންނަ ދައުރަކު އަންހެނަކު ހޮވުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ އދ.ގެ 76 އަހަރުވީ ތާރީޚުގައި އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވީ ހަތަރު އަންހެނުންކަމަށެވެ.

އދ.ގެ އެ ދިގު ތާރީޚުގައި އަދި މިހާތަނަށް އަންހެނަކު ސެކްރެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވައިފައި ނުވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ދެން އަންނަ ދައުރަކު އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ "ގޯލްޑް ސްޓޭންޑަޑް" ކަނޑައެޅުމުގެ ވާހަކަ އދ. އިން ދައްކާއިރު، އެކަމުގެ މިސާލު އދ. ގައި ނުދައްކާ ނުތިބެވޭނެކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އެކަމުގައި އިސް ނަންގަވައި، ދެން އަންނަ ދައުރަކަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ހޮވުމަށް ބާރު އަޅުއްވާނެކަމަށެވެ.

އެކަމުގައި އދ.ގެ މެންބަރު ގައުމުތަކުން އެމަނިކުފާނާ ބައިވެރިވުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ. ޝާހިދުގެ އެ ގޮވާލެއްވުމަށް ގިނަ މެންބަރު ގައުމުތަކުން ވަނީ ތާއިދުކޮށްފައެވެ.

comment ކޮމެންޓް