ފަހަތުން އަރައި ގްރާންޑޭ ބަލިކޮށް އީގަލްސް ތިން ވަނައަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި ކާމިޔާބުކޮށްގެން ކުލަބް އީގަލްސް އިން ލީގުގެ ތާވަލްގެ ތިން ވަނައަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި އީގަލްސް އިން ގްރާންޑޭގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ދަ ގްރާންޑޭ އިންނެވެ. މެޗު ފަށައިގެން އީގަލްސް އިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އަހުމަދު ރިޒްވާން (ރިޒޭ) ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑި މަތިންނެވެ.

އީގަލްސް އިން ހަމަލާތަކެއް އުފައްދަމުން ދަނިކޮށް، ދަ ގްރާންޑޭއިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު އާކިބް މުހައްމަދު ފައިޒަލްއެވެ. އީގަލްސްގެ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު މުޙައްމަދު ތާހާގެ އަތުގައި ޖެހިފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އޭގެ ތިން މިނެޓު ފަހުން އަނެއްކާ ވެސް ގްރާންޑޭއިން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިދިނީ އިސްމާޢީލް މަފާޒް އިބްރާހީމްއެވެ.

ގްރާންޑޭއިން އެޓީމުގެ ދެ ވަނަ ލަނޑު ޖެހިތާ އެއް މިނެޓުގެ ތެރޭގައި އީގަލްސް އިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ އަޙުމަދު ޙަސަންއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތަށް ދެއްކި ދެ މިނެޓުގެ ތެރޭގައި އީގަލްސް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އެ ޓީމުގެ ޢަބްދުﷲ ސަމީޙް މޫސާ ޖަހައިދިން ލަނޑެކެވެ.

ދެވަނަ ހާފު ފަށައިގެން ކުރީކޮޅުގައި އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 46 ވަނަ މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޙުމައިދު ޙަސަންއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

މެޗުގެ 54 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ އެ ޓީމުގެ އަޙުމަދު ޢަބްދުއް ސައްތާރުގެ ބަދަލުގައި އަޙްމަދު ޝަމާލް ކުޅެން އަރުވާފައެވެ.

އީގަލްސް އިން އެ ޓީމުގެ ފުރަތަމަ ބަދަލު ގެނެސްފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. ޙުމައިދު ޙަސަންގެ ބަދަލުގައި ޙަސަން ރާއިފް އަޙްމަދު ވަނީ ކުޅެން ނިކުމެފައެވެ.

އިީގަލްސްގެ ހަަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ޢަބްދުﷲ ޒިޔާންއެވެ.

މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އިގަލްސް އިން ވަނީ ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފައެވެ. އެެއް ވަަނައިގައި 15 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު، ދެ ވަނައިގައި 12 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ.

comment ކޮމެންޓް