ސްޓާލިންކް އިންޓަނެޓް ރާއްޖެއަށް ދިނުމުގެ މަޝްވަރާތައް ދަނީ ކުރިއަށް: ޝައުނާ

އެންވަޔަރަމެންޓް މިނިސްޓަރު ޝައުނާ --- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޕްރޮޖެކްޓު މެދުވެރިކޮށް ރާއްޖެއަށް ހަލުވި އިންޓަނެޓް ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ސްޕޭސްއެކްސް ކުންފުންޏާއެކު ކުރިއަށްދާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ ސެކްޓާ ބަލަހައްޓަވާ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު މިނިސްޓްރީން ވަނީ އީލޯން މަސްކުގެ ސްޕޭސްއެކްސް ކުންފުންޏާއެކު މަޝްވަރާތަކެއް ބާއްވައިފައެވެ.

މިިނިސްޓަރު ޝައުނާ ބައިވެރިވިވަޑައިގަތް މި ބައްދަލުވުމުގައި، ދުނިޔެއަށް ދަށް ލޭޓެންސީގައި، ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ގެންގުޅޭ ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީގް ވަނީ ސްޓާލިންކް ޚިދުމަތް ރާއްޖޭގައި ފެށުމާ ގުޅޭ ގޮތުން ކުރި މަޝްވަރާތަކުގައި އެ ޚިދުމަތް ރާއްޖެއަށް ލިބޭނެ ދުވަހެއް އެނގިވަޑައިގެންފައިވޭތޯ ސުވާލުކުރައްވައިފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި ކުރި މަޝްވަރާތައް ސިއްރުކޮށްދިނުމަށް ސްޕޭސްއެކްސް ކުންފުނިން އެދިފައިވާކަމަށާއި އެހެންނަމަވެސް މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

"އެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް. އެ މަޝްވަރާތައް ނުނިމެނީސް އެ މައުލޫމާތު ހާމަނުކުރެއްވުމަށް [ސްޕޭސްއެކްސް]އިން އެދިލައްވައިވާތީ،" ޝައުނާ ވިދާޅުވިއެވެ.

ސްޓާލިންކްގެ ޚިދުމަތް ރާއްޖޭގައި ބްލޮކް ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވި ވާހަކަ މިނިސްޓަރު ވަނީ ތަކުރާރު ކުރައްވައިފައެވެ.

އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެންނަން މިދިޔަ އަހަރު ސަރުކާރުން ނިންމި ނިންމުމާ އެކު، ސްޓާލިންކުގެ ޚިދުމަތަށް ރާއްޖެއިން ހުރަސް އަޅާފާނެ ކަމުގެ ކަންބޮޑުވުން އުފެދިގެން ދިޔަނަމަވެސް އެ ކަން ނުކުރައްވާނެކަމުގެ ޔަގީން ކަން އޭރު މިނިސްޓަރު ޝައުނާ ވަނީ ދެއްވަވައިފައެވެ.

ސްޓާލިންކު ޚިދުމަތަކީ ކުޑަ ޑިޝްއަކާއި އެހެން ބައެއް ހާޑްވެއާ ބޭނުންކޮށްގެން މަހު ފީއެއް ދައްކައިގެން އިންޓަނެޓް ލިބޭ ޚިދުމަތެކެވެ. އެ ވެބްސައިޓު ބުނާ ގޮތުން ރާއްޖެއަށް އެ ޚިދުމަތް ދެވޭވަރު ވާނީ 2023 ހިސާބުގައެވެ.

comment ކޮމެންޓް