ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު، އަންނަ މަހަށް އިތުރުކޮށްފި

ހެލްތު މިނިސްޓަރު ނަސީމް--

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަޙުމަދު ނަސީމު ސޮއިކުރައްވައި އިއްޔެ ނެރުއްވި ގަރާރުގައި ވަނީ އަންނަ މަހުގެ 30ގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ދަންމާލަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު އެގޮތަށް ނިންމެވީ، ރާއްޖޭގައި އަދިވެސް ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން، އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުން ކަމަށް ގަރާރުގައިވެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 12ގައެވެ. އެ ފަހަރު އެ މުއްދަތު އިއުލާނުކޮށްފައިވަނީ 30 ދުވަހަށެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކު ވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އަދިވެސް އޮތީ ރެޑް އެލާޓްގައެވެ.

ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން 3،014 ސާމްޕަލް ކޮވިޑަށް ޓެސްޓްކުރި އިރު، އޭގެ ތެރެއިން 484 މީހުން ވަނީ އަލަށް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެހެންކަމުން، ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 169،632އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 15،076 މީހުން ތިބިއިރު އޭގެ ތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

comment ކޮމެންޓް