ގައިން ގަޔަށް އަރާ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ)އާ މެދު މުޖުތަމަޢު ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށާއި، މި ބައްޔާ ގުޅޭގޮތުން އާންމުންނަށް އިތުރަށް ބޭނުންވަނީ ކޮން މަޢުލޫމާތެއްތޯ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު މަޢުލޫމާތު އެއްކުރަން މިއަދު ފަށައިފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޢުލޫމާތު އެއްކުރުމުގެ މައިގަނޑު ބޭނުމަކީ އެޗްއައިވީއާ ގުޅޭގޮތުން މީހުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމާއެކު، މުޖުތަމަޢަށް މިކަމާ ގުޅޭގޮތުން އިތުރަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ދެނެގަތުމެވެ. އެގޮތުން އެ އިދާރާއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ފަށައިފައިވާ ޕޯލުގައި ވީހާވެސް ގިނަ މީހުން ބައިވެރިވެ، ޚިޔާލު ޙިއްޞާކުރުމަށް އެޗްޕީއޭއިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
އެޗްޕީއޭއިން މައުލޫމާތު އެއްކުރަން ފަށާފައިވާ ޕޯލުގައި ކޮށްފައިވަނީ ތިން ސުވާލެވެ. އޭގެތެރޭގައި އެޗްއައި. އާ ބެހޭގޮތުން އެނގިފައިވަނީ ކިހާވަރަކަށްތޯ އާއި ދިވެހިރާއްޖޭގެ ޒުވާނުންނަށް އެޗްއައިވީ އާ ބެހޭ އެކަށީގެންވާ މަޢުލޫމާތު ލިބިފައިވާ ކަމަށް ގަބޫލުކުރަންތޯ އާއި ދިވެހިރާއްޖޭގައި ސިއްރު ހިފެހެއްޓޭ ގޮތަށް އެޗްއައިވީ ޓެސްޓު ހެދޭނެ ތަނެއް އެނގޭތޯ ސުވާލުކޮށްފައިވެއެވެ.
އެޗްޕީއޭއަކީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަލިޖެހުމުން ރައްކާތެރިވުމާއި، ކުރީކޮޅުގައި ބަލި ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި އެޗްއައިވީ ފެތުރުން ހުއްޓުވުމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އިދާރާއެކެވެ.
https://x.com/HPA_MV/status/2110312282899243036
އެޗްއައިވީން ރައްކާތެރިވުމުގެ މަސައްކަތްތަކުގެ ތެރޭގައި މި ވައިރަސް ފެތުރޭ ގޮތްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމާއި، ރައްކާތެރި އާދަކާދަތައް ކުރިއެރުވުމާއި، އެޗްއައިވީ ޓެސްޓު ހެދުމަށް މީހުންނަށް ހިތްވަރުދިނުން ހިމެނެއެވެ. ބަލި ކުރީކޮޅު ދެނެގަނެވިއްޖެނަމަ، އެކަށީގެންވާ ފަރުވާ ހޯދުމަށް ފަސޭހަވެ، އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރެވެއެވެ.
މިދިޔަ މަހުގެ 30ގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ، ރާއްޖޭގައި މި އަހަރު އަލަށް 22 މީހަކަށް އެޗްއައިވީ ޖެހިފައިވާ ކަމަށާއި، އެ ވައިރަސް ގިނައިން ފެތުރިފައި ވަނީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.
ގީލާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާތަނަށް 76 މީހުންނަށް އެޗްއައިވީ ޖެހިފައިވާއިރު، މިހާރު ދުނިޔޭގައި ތިބީ އޭގެ ތެރެއިން 52 މީހުންނެވެ.
އެޗްއައިވީ ފެތުރޭ ގޮތްތަކުގެ ތެރޭގައި، އެ ވައިރަސް ހުރި މީހަކާއެކު، ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ލޭގެ ގޮތުން ހިމެނެއެވެ. އެގޮތުން ވައިރަސް ހުރި ލޭ، ވައިރަސް ނެތް މީހެއްގެ ހަށިގަނޑަށް އެޅުން ނުވަތަ ވައިރަސް ހުރި މީހަކު ބޭނުންކޮށްފައިވާ ކަށި (ސިރިންޖު) ފަދަ ތަކެތި ދެވަނަ މީހަކު ބޭނުންކުރުން ހިމެނެއެވެ.