ވެލެންސިއާއިން ދަ ގްރާންޑޭ ބަލިކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވެލެންސިއާ އަދި ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުލަބް ވެލެންސިއާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ވެލެންސިއާއިން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.

ވެލެންސިއާއިން ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 26 ވަނަ މިނެޓުގައެވެ. އޭރިޔާ ބޭރުން އަބްދުﷲ ޔާމީން (ޔާން) ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގްރާންޑޭގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ. މިއީ ވެލެންސިއާއަށް ބަދަލުވިފަހުން އޭނާ އެ ޓީމަށް ޖަހައިދިން ދެވަނަ ލަނޑެވެ.

ފުރަތަމަ ހާފުގެ ފަހު ވަގުތުގެ ތެރޭގައި ނަތީޖާ ހަމަހަމަ ކުރުމަށް ގްރާންޑޭގެ ހުސައިން މަފާޒަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ވެލެންސިއާއިން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނުނެވެ. ހާފުގެ ކުރީކޮޅު އެއްވެސް ޓީމަކަށް މާ އެދެވޭ ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ގްރާންޑޭއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ގްރާންޑޭގެ ޔަޔާން ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކުލަބް ގްރީން ސްޓްރީޓްސްއެވެ.

comment ކޮމެންޓް