ރާއްޖެ އައުމާއެކު އަޑުބަރޭ ޖަލަށްލައިފި

އަސްހަދު އަލީ (އަޑުބަރޭ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) މިރޭ ރާއްޖެއައުމާއެކު އޭނާ ހައްޔަރުކޮށް ޖަލަށްލައިފިއެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އަޑުބަރޭ މިރޭ 8:30ގައި ރާއްޖެ އައިސްފައި ވަނީ ޔޫއެލް 103 ފްލައިޓުންނެވެ. އަޑުބަރޭ ރާއްޖެ އައީ އޭނާ ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިފައި ވަނިކޮށެވެ.

ކޮމިޝނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއައުމަށްފަހު ޖަލު ހުކުމް ތަންފީޒުކޮށްދިނުމަށް އަމިއްލައަށް އޭނާ އެދުނު ކަމަށެވެ.

މިމަހުގެ ދެވަނަދުވަހު ބޭއްވި އަޑުއެހުމަކަށް އަޑުބަރޭ ކްރިމިނަލް ކޯޓަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑީކަމަށް ކަނޑައަޅައި އޭނާއަށް ވަނީ 15 ދުވަހުގެ ޖަލުހުކުމެއް އިއްވާފައެވެ. އަދި ހުކުމް އިއްވިއިރު އޭނާ ރާއްޖޭގައި ނެތުމުން އޭނާ ހޯދުމަށް ކަރެކްޝަންސްއިން ފުލުހުންގެ ކިބައިން އެދިފައިވެއެވެ.

ޖިންސީ ގޯނާގެ ދައުވާތައް އުފުލުމާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ. ޖާމިނުވި ފަރާތަކީ އަޑުބަރޭއެވެ.

އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

އެއާއެކު އަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފައެވެ.

ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

comment ކޮމެންޓް