އެކުވެރިކަމުގެ ވޮލީ މެޗުތަކަށް ބަންގްލަދޭޝްގެ ޓީމު ރާއްޖެ އަތުވެއްޖެ

2021 ވަނަ އަހަރަށް އެކުލަވާލި ބަންގްލަދޭޝްގެ ގައުމީ ޓީމު -- ފޮޓޯ / ބަންގްލަދޭޝް ވޮލީބޯލް ފެޑަރޭޝަން

ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމާ ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމާ ދެމެދު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ތިން މެޗަށް ބަންގްލަދޭޝްގެ ގައުމީ ވޮލީބޯޅަ ޓީމު މާލެ އަތުވެއްޖެއެވެ.

އެ ޓީމު މާލެ އަތުވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ބަންގްލަދޭޝް ވޮލީބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ މާދަމާރޭއެވެ. ދެވަނަ މެޗު ބުދަ ދުވަހު ކުޅޭއިރު، ފަހު މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭގައެވެ.

ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ ތިން މެޗުގައި ވެސް ގައުމީ ޓީމަށް އިރުޝާދު ދޭނީ މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ޓީމަށް ކޯޗުކޮށްދިން މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) އެވެ. ކޯޗު ސާޖިދުއާއެކު ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ މަހުގެ 19 ގައެވެ.

ބަންގަލަދޭޝްގެ ގައުމީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅޭ ގޮތަށް ހަމަޖެހުނީ މިދިޔަ ޑިސެމްބަރު މަހު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިސްޓަރު މަހުލޫފްގެ ދައުވަތަކަށް ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.

އެގޮތުން އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެ އައިއިރު، ދެ ވަނަ ފަހަރަށް އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރީކޮޅުގައެވެ.

ރާއްޖޭން ވަނީ މި އަހަރު ސެންޓްރަލް ޒޯންގެ އަންހެން އަދި ފިިރިހެން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދައިފައެވެ. ބަންގްލަދޭޝާ ވާދަކޮށް ރާއްޖޭން ސެންޓްރަލް ޒޯން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދީ ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕުން ކުރި ބުރަ މަސައްކަތަށްފަހުއެވެ.

comment ކޮމެންޓް