100 މެގަވޮޓުގެ ކެޕޭސިޓީ ބެހެއްޓޭވަރުގެ އިންޖީނުގެއެއް ހުޅުމާލޭގައި އަޅަނީ

ސްޓެލްކޯގެ ސިކްސްތު ޕަވާ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި 100 މެގަވޮޓުގެ ކެޕޭސިޓީ ބެހެއްޓޭ ވަރުގެ އިންޖީނުގެއެއް އެޅުމަށް ނިންމައިފިއެވެ.

ސްޓެލްކޯއިން އިއްޔެ ވަނީ މި މަޝްރޫއަށް ކޮންސަލްޓެންޓަކު ހޯދުމަށް އިއުލާނުކޮށްފައެވެ. އެ ކުންފުނީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިވަގުތު ކުރިއަށް ދަނީ އެ މަޝްރޫއުގެ އެންމެ ފުރަތަމަ މަސައްކަތްތައް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ އިންޖީނުގެ އަކީ 100 މެގަވޮޓުގެ ކެޕޭސިޓީއެއް ބެހެއްޓޭނެ ވަރުގެ ތަނަކަށް ވިޔަސް، އެތަނުގައި ބަހައްޓާނީ ކިހާ ވަރެއްގެ ޖެނެރޭޓަރެއް ކަމެއް އަދި ނިންމިފައި ނުވާކަމަށެވެ. އަދި 100މެގަވޮޓު ބެހެއްޓޭވަރުގެ ތަނެއް ގާއިމު ކުރުމަށް ނިންމީ ކުރިމަގުގައި އެތަނުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ވިސްނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ހުޅުމާލޭގައި މިހުންނަނީ 50 މެގަވޮޓު. ދެން އިންޓަކަނެކްޝަންގެ ދެވަނަ ފިޔަވަހި ވެސް ފެށޭނެ ތިލަމާލެ ބުރިޖު ނިމުނީމަ. އަދި މާލޭގެ ޑިމާންޑު ވެސް އަންނަނީ މަތިވަމުން،" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ.

މިހާރު ހުޅުމާލޭގައި ހުންނަ އިންޖީނުގެ ހަދާފައި ހުރި ގޮތުން އިތުރު ޖެނެރޭޓަރެއް އެތަނަށް ވެއްދެން ނެތް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އައު އިންޖީނުގެ އަޅަން ހަމަޖެހިފައިވަނީ މިހާރުގެ އިންޖީނުގެ ހުރި ބިމާ ޖެހިގެން އޮތް ބިމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަދި ކޮންސަލްޓެންޓެއް ހޯދަން މި އިއުލާނު ކުރީ. ކުރިއަށް އޮތް ތަނުގައި ކަންކަން ފައިނަލް ވަމުން ދިޔަ ވަރަކަށް އިތުރު މައުލޫމާތު ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

ދާދި ފަހުން ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ އިންޓަކަނެކްޓިވިޓީ ގްރިޑަށް ހުޅުލެ އިތުރުކޮށްފައެވެ. އަދި ތިލަމާލެ ބުރިޖާއެކު، ވިލިމާލެ އާއި، ގުޅީފަޅާއި، ތިލަފުށި ވެސް ގުޅުވާލުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް