އޮޑިޓް ދާއިރާ ހަރުދަނާ ކުރަން މެލޭޝިއާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހާއި މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އޮޑިޓާ ޖެނެރަލްގެ އޮފީސް

ރާއްޖެއާއި މެލޭޝިއާގެ ޕަބްލިކް ސެކްޓާ އޮޑިޓްކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް، ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހާއި މެލޭޝިއާގެ ނެޝަނަލް އޮޑިޓް ޑިޕާޓްމެންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ހަފްލާގައި މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ އޮޑިޓާ ޖެނެރަލް ދާތުކް ނިކް އަޒްމަން ނިކް އަބްދުލް މަޖީދެވެ. އަދި ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއެވެ.

ދިވެހިރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހާއި މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އޮޑިޓާ ޖެނެރަލްގެ އޮފީސް

މި އެއްބަސްވުމުގެ ދަށުން، ޕަބްލިކް ސެކްޓާ ގަވާނަންސް އާއި ޕަބްލިކް ސެކްޓާ އޮޑިޓްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

"ދެ މުއައްސަސާގެ މެދުގައި ތަމްރީނުގެ ފުރުސަތުތަކާއި އިލްމާއި ތަޖުރިބާ އާއި ބެސްޓް ޕްރެކްޓިސް ހިއްސާ ކުރެވިގެން ދާނެ،" އެ އޮފީހުން ބުންނެވެ.

މި ހަފްލާގައި ނިޔާޒީ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން، ދެ މުއައްސަސާގެ ދެމެދުގައި އެއްބާރުލުން އިތުރުވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން މުވައްޒަފުންގެ އިލްމާއި ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް