އިންތިހާބާ ގުޅޭ ތިން ޝަކުވާއެއް ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް -- ސަން ފައިލް ފޮޓޯ

ފޯރިގަދަ ކެމްޕެއިނެއް ކުރިއަށް ގެންދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ތިން ޝަކުވާއެއް އިދިކޮޅު ކޯލިޝަނުން، އިލެކްޝަންސް ކޮމިޝަންސްގެ ކޮމްޕްލައިންޓްސް ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ކޮމްޕްލައިންޓްސް ކޮމިޓީގެ ހެޑް، އިބްރާހިމް ހާފިޒު މިއަދު "ސަން" އަށް ވިދާޅުވީ ހުށަހަޅާފައިވާ ތިން ޝަކުވާގެ ތެރެއިން ދެ ޝަކުވާއަކީ ކެމްޕެއިން ކުރުމާ ގުޅޭ ކަމެއް ކަމަށެވެ. އެ ދެ ޝަކުވާ އެ ކޮމެޓީން ބަލާނެކަން ލިޔުމުން އަންގާފައިވާނެ ކަމަށް ވެސް ހާފިޒު ވިދާޅުވިއެވެ.

އިއްޔެ ހުށަހެޅި އަނެއް ޝަކުވާއަކީ އިންތިހާބުގެ އޮފިޝަލުންނާ ގުޅޭގޮތުން ހުށަހެޅި ޝަކުވާއެއް ކަމަށާއި އެ ޝަކުވާއާ މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިހާބަށް އޮފިޝަލުން ކަނޑައަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހާފިޒު ވިދާޅުވީ މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި އިންތިހާބު ފަސް ކުރަން ޖެހޭފަދަ ކަމެއް ނެތް ކަމަށެވެ.

ގާނޫނު ބުނާގޮތުން އިންތިހާބާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތަކަށް އިލެކްޝަންސްއިން ނިންމާ ނިންމުމަށް ހިތްހަމަ ނުޖެހޭނަމަ އެ ނިންމުން ހައި ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބަށް ވާދަ ކުރަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްއެންޕީއެވެ. އެ ތިން ޕާޓީގެ ކެނޑިޑޭޓުންނަށް ވޯޓް ހޯދުމަށް ފޯރިގަދަ ކެމްޕެއިން ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.

comment ކޮމެންޓް