ރައީސް ނަޝީދު، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވަނީ --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ބުނީ, ރައީސް ނަޝީދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފައިވާ ކަމަށެވެ.

ސްރީލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސާގެ ދައުވަތަކަށް ރައީސް ނަޝީދު ސްރިލަންކާއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ތިން ދުވަހުގެ އެ ދަތުރުފުޅުގައި ސްރީލަންކާގެ ފަސް ވަނަ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަން, ރައީސް ނަޝީދު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.

ސްރީލަންކާ ޔޫތު ޕާލަމެންޓަކީ އެގައުމުގެ ޒުވާނުންގެ ކިބައިގައި އިސްނެގުމުގެ ހުނަރުތައް އަށަގެންނެވުމުގެ މަގުސަދުގައި އެގައުމުގެ ނޭޝަނަލް ޔޫތު ސާވިސަސް ކައުންސިލުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ސްރިލަންކާގެ އިސްވެރިންނާއި ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

comment ކޮމެންޓް