ކެމްޕެއިނުގައި އެންމެ ކުރީ އޮތީ އެމްއެންޕީ، ނަތީޖާއިން އެ ކަން ފެންނަން ޖެހޭނެ: ރިޔާޒް

މޯލްޑިވްސް ނެޝަނަލްް ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނުގެ އެންމެ ކުރީގައި އޮތީ މޯލްޑީވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކަމަށާއި އެ ކަން އިންތިހާބުގެ ނަތީޖާއިން ފެންނަން ޖެހޭނެ ކަމަށް އެ ޕާޓީގެ މެދު ދެކުނު ރީޖަންގެ ނާއިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަނީ އަބްދުލް ހަންނާނު އިދުރީސްއެވެ.

ހަންނާނުގެ ވައުދުތައް އިއުލާނުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ވާދަވެރިން ދައްކަމުން އަންނަނީ ޕާޓީގައި ވަކި މީހަކު ހުރީތީ ނުވަތަ ވަކި ބަޔަކު އައުޓު ކުރަން ގޮވާތީ ވޯޓު ދޭން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް އެއީ ވޯޓު ދޭން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ، ރިޔާޒު ވިދާޅުވީ އެމްއެންޕީން ވޯޓު ހޯދަން ދާނީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ކަމަށެވެ.

"އެހެނެއް ނޫން ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީކީ، ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވަނީ އެޔެއް ނޫން، ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަށް ހުރީ ކޮން ބަދަލެއްތޯ، ކޮން ވިސްނުމެއްތޯ، އެ މީހުންގެ ދިރިއުޅުން ބަދަލުވާނީ ކޮން ގޮތަކަށްތޯ، ކާކުތޯ ކޮން ކެނޑިޑޭޓަކަށްތޯ އިތުބާރު ކުރަންވީ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އެމްއެންޕީން ވާން ނިންމައިފައިވާ ވައުދުތަކަކީ އެ ޕާޓީން ރައްޔިތުންގެ ކައިރިއަށް ގޮސް، ރައްޔިތުން ބޭނުންވާ ކަންކަން އަހައިގެން ކަމަށެވެ.

ހަމައެހެންމެ މިހާތަނަށް ކެމްޕެއިނު ކުރުމުގައި ވެސް އެންމެ ކުރީގައި އޮތީ އެމްއެންޕީ ކަމަށާއި ވޯޓުގެ ނަތީޖާއިން އެކަން ފެންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް އައިރު އަޅުގަނޑުމެން ކެމްޕެއިނު ރޭހުގެ ކުރީގައި އޮތީ، ކެމްޕެއިނު ކުރުމުގައި ކުރީގައި އޮތީ، ބައްދަލުކުރުމުގައި ވެސް، ހުރިހާ ކަމެއްގައި ވެސް ކުރީގައި އޮތީ. ވޯޓުލާ ދުވަހު ނަތީޖާ ލިބޭއިރު ވެސް އަޅުގަނޑުމެން ތިބެން ޖެހޭނީ އެއްވަނައިގައި،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ރައްޔިތުން ބޭނުންވަނީ ޚުލްގު ހެޔޮ މީހެއް ކަމަށާއި ހަންނާނު ވެގެންދާނީ މަޖިލީހުގައި ހަޑި ހުތުރު ބަހުން އަޑުގަދަ ނުކުރާ، ރީތި ބަހުން ވާހަކަ ދައްކާ ކެންޑިޑޭޓަކަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ޝަރަފްވެރިވާ މިންވަރަށް އެ ދާއިރާ ތަރައްގީ ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް