ކޮވިޑް ޖެހިގެން 34 އަހަރުގެ ބިދޭސީއަކު މަރުވެއްޖެ

ސ. ފޭދޫ

ރާއްޖޭގައި ކޮވިޑް ޖެހިގެން 34 އަހަރުގެ ބަންގަލަދޭޝް ފިރިހެނަކު މިއަދު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ 34 އަހަރުގެ ބަންގަލަދޭޝް މީހާ މަރުވެފައިވަނީ ށ. ފޭދޫގައި ކަމަށެވެ.

ށ. ފޭދޫ ހޮސްޕިޓަލަށް މިއަދު ހެނދުނު އެ މީހާ ގެނައިއިރު ވެސް މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 265 އަށް އަރައިފައެވެ.

ރާއްޖެއިން މި ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އޭނާ މަރުވެފައިވަނީ މާލެއިންނެވެ. އެ މީހާ އައިޖީއެމްއެޗަށް ގެނައިއިރު ވެސް މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކޮވިޑް ޖެހިގެން މިއަދު މީހަކު މަރުވެފައިވާއިރު، މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެޗްޕީއޭއިން އެންމެ ފަހުން އާންމު ތަފާސްކުރި ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން އެކަނި ވެސް 413 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ރާއްޖެއިން މުޅި ޖުމްލަ 816 މީހުން ޕޮޒިޓިވްވިއެވެ.

comment ކޮމެންޓް