އޭސީސީގެ މެންބަރުން ނެތި އިންތިހާބު ނުބޭއްވޭނެކަން ފުއާދު ގަބޫލު ކުރައްވާ: އިދިކޮޅު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު - ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ނެތި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ނުބޭއްވޭނެކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވެސް ގަބޫލު ކުރައްވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝާނާ ބެހޭ ކަންބޮޑުވުންތައް އީސީއަށް ހުށަހެޅުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ އިންތިހާބު ތެރޭގައި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ރައްޔިތުން އެންމެ ބޮޑަށް ސަރުކާރަށް ކުރާ ތުހުމަތަކީ ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ކަމަށެވެ. އެހެން ނަމަވެސް ފެނުނީ އޭސީސީގެ ފަސް މެންބަރުން "ގަނޑުކޮށް" ދަންވަރު މަޖިލިސް ހުޅުވައިގެން ވަކިކުރި މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޝުޖާއު ވިދާޅުވީ ސަރުކާރަށް ކޮރަޕްޝަންގެ މައްސަލަތައް ތުހުމަތުކުރެވޭއިރު، އެ މައްސަލަތައް ހުށަހަޅަން ގާނޫނުގައި އޮންނަނީ އޭސީސީއަށް ކަމަށެވެ. އަދި އީސީއަށް ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ހުށަހަޅަނީ އޭސީސީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ޝުޖާއު ފާހަގަ ކުރެއްވިގޮތުގައި އޭސީސީ ހިނގަނީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ހިނގާ އުސޫލުން ނޫނެވެ. އެ ގޮތުން ޕީޖީ އޮފީހުގައި ޕީޖީ ނެތަސް ޑެޕިއުޓީ ޕީޖީއަށް މައްސަލަ ބެލޭކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭސީސީގެ މެންބަރުން ނެތުމުން ކޮރަޕްޝަންގެ މައްސަލަތައް ލޮޖް ކުރާނެތަނެއް ނެތްކަކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރާ ސުވާލަކީ އިލެކްޝަން ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތަށްވާއިރު އިސްވެ ކީއްވެގެންތޯ މިކަން ރައްޔިތުންގެ މަޖިލީހާ ހިއްސާ ނުކުރަންވީ،" ޝުޖާއު ވިދާޅުވިއެވެ.

އެކަން މަޖިލީހަށް ހުށަނޭޅުމަކީ އީސީގެ މެންބަރުން ވެސް އެކަމުގައި ބައިވެރިވުންކަމުގައި ދެކޭކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ހަގީގަތުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު މިކަމަށް އެއްބަސްވެ ވަޑައިގެންނެވި. މިއީ ހަގީގަތުގައި ވެގެންވާނެ ކަމެއް ނޫންކަމަށް ވެސް ފުއާދު އެއްބަސްވެ ވަޑައިގެންނެވި،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އޭސީސީގެ މެންބަރުން ހަމަނުވެ އިންތިހާބަކަށް ދިއުމަކީ ގަބޫލުނުކުރެވޭ ކަމެއް ކަމަށް ފުއާދު ވިދާޅުވިކަމަށެވެ.

އިންތިހާބާ ދިމާކޮށް ގިނަ މަޝްރޫއުތަކެއް ކޮމަންޑޫ ދާއިރާގައި ހިންގަމުންދާތީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރަމުން އަންނަ ކަންތައްތަކެއް ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.

comment ކޮމެންޓް