ގުރައިދޫ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދޭ ހިދުމަތް ރަނގަޅު ކުރަން އެއްބަސްވުމެއް

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އަދި އޭޖްޑް ކެއާ މޯލްޑިވްސްގެ ސީއީއޯ ޑރ. އާމިނަތު ޖަމީލް -- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން، އޭޖްޑް ކެއާ މޯލްޑިވްސް ޖަމިއްޔާ އާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ. އަދި އޭޖްޑް ކެއާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ސީއީއޯ ޑރ. އާމިނަތު ޖަމީލްއެވެ.

އޭޖްޑް ކެއާ މޯލްޑިވްސް އަކީ ރާއްޖޭގެ ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ އެއްބަސްވުމުގެ މަގުސަދަކީ ގުރައިދޫ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދޭ ހިދުމަތްތައް ރަނގަޅުކޮށް، އެ މަރުކަޒުގައި ރައްކާތެރި ހިތްހަމަ ޖެހޭ މާހައުލެއް ގާއިމު ކުރުމެވެ.

އެ އެމްއޯޔޫގެ ދަށުން ޖެންޑާ މިނިސްޓްރީ އާއި އޭޖްޑް ކެއާއިން އެއްބަސްވި ކަންކަމުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކެއާގިވާސްގެ ހުނަރު އިތުރުކުރުމަށް ކޮންމެ ހަތަރު މަހަކުން އެއް ފަހަރު ތަމްރީން ޕްރޮގްރާމް ހިންގުން ހިމެނެއެވެ.

ހަމައެއާއެކު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި މަޝްވަރާކޮށް ފިޒިއޮތެރަޕީ ނުވަތަ ކަސްރަތު އަދި އެހެނިހެން ހަރަކާތްތައް ގަވާއިދުން ހިންގޭނެ ޝެޑިއުލް ހެދުމުގައި އެހީތެރިވެދިނުމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުނިފޫހިފިލުވުމުގެ ހަރަކާތް ރޭވުމުގައި އެހީތެރިވެދިނުމުގެ އިތުރުން ޑައިޓީޝަނެއްގެ އެހީގައި ފައިދާ ހުރި ޑަޔަޓް ޕްލޭނެއް ހެދުން އަދި ކޮންމެ ތިން މަހަކުން ރިވިއު ކުރުން ފަދަ ކަންކަން ވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.

އެ އެއްބަސްވުން ހަދާފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. އަދި އެމީހުން ބަލަހައްޓަން ތިބޭ މީހުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ހަމަޖެހިފައިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އޭޖްޑް ކެއާ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވީ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށެވެ. އަދި އެއީ އެފަދަ މަސައްކަތްތަކަށް ރަނގަޅު ފެށުމެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ގުރައިދޫ މަރުކަޒުގެ ސީއީއޯ ޔޫޝައު ޝިހާން ވަނީ އެ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސެޓިފައިޑް ތަމްރީނު ޕްރޮގްރާމްތަކެއް މީގެ ކުރިން ހިންގާފައި ނުވާކަން ފާހަގަކުރައްވައިފައެވެ. އަދި އެ މުވައްޒަފުން މަސައްކަތް ކުރަނީ އެމީހުންނަށް ލިބިފައިވާ ތަޖުރިބާގެ އެހީގައި ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަކީ އެމީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޔޫޝައު ވިދާޅުވިއެވެ.

comment ކޮމެންޓް