"ފަތްމިނި" ބެލުންތެރިންނާ ހަމައަށް، ސަޕްރައިޒް ކާސްޓުންނަކީ ޝަލަބީއާއި ޝިފާ

ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ލަވަކިޔުންތެރިޔާ، ޝަލަބީ އިބްރާހިމްގެ އައު ވީޑިއޯ ލަވައެއް ބެލުންތެރިންނާ ހަމައަށް ދޫކޮށްލައިފިއެވެ.

"ފަތްމިނި" ނަމަކަށް ކިޔާ މި ލަވަ ބެލުންތެރިންނާ ހަމައަށް ދޫކޮށްލައިފައިވަނީ މިއަދު މެންދުރުއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ލަވައަށް ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ.

މި ލަވަ ނެރުމުގެ ކުރިން ލަވައިގެ ޓީޒާއެއް އާންމު ކުރިކަމުގައިވިޔަސް އެ ލަވައިގެ ކާސްޓުން އޮތީ "ސިއްރުކުރެވިފައި"އެވެ. އެހެންކަމުން މިއަދު ލަވަ ނެރުމާއެކު ބެލުންތެރިންނަަށް ލިބުނީ ސަޕްރައިޒެކެވެ.

ލަވައިން ފެންނަނީ ޝަލަބީއާއި ޝިފާއެވެ. ޝަލަބީއާއި ޝިފާއަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ "ލޯބި" ޖޯޑެކެވެ.

މިއީ ޝަލަބީގެ އަމިއްލަ ރާގަކަށް ހަދައިފައިވާ ލަވައެކެވެ. ލަވައިގެ މިއުޒިކްއަދި މިކްސިން ހަދައިފައިވަނީ އިބްރާހިމް ޒައިޒު އަލީ (ކުޑަ އިއްބެ)ގެ ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ.

މި ހިތްގައިމު ލަވައިގެ ވީޑިއޯގެ ފަހަތުގައި ހުރީ ހުސައިން މުނައްވަރު (ކުޑަފޫޅު/ހުސައިން ކިޑް)އެވެ.

މަޑުމައިތިރި މި ލަވައިގައި ރާއްޖޭގެ ރީތިކަން ފެންނަ މަންޒަރުތައް ދައްކުވައިދެއެވެ. މި ލަވައިގައި ޝިފާއާއި ޝަލަބީގެ އެކްޓިންއަށް ބެލުންތެރިން އަންނަނީ ތައުރީފް ކުރަމުންނެވެ.

ޝަލަބީ އެންމެ ފަހުން ނެރުނު ދެ ލަވަ، "ޝިކާރަ" އަދި "ލޯބިވާތީ"އަށް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.

comment ކޮމެންޓް