ޝަލަބީ، ލ. އަތޮޅުގައި މަދަހަ ކިޔަން ދަސްކޮށްދެނީ

މަޝްހޫރު ރިއެލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"އިން ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަކިިޔުންތެރިޔާ ޝަލަބީ އިބްރާހީމް، މަދަހަ ކިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ލ. އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

ލ. އަތޮޅު ފޮނަދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމަކީ ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އޮންލައިންކޮށް ރެޖިސްޓާ ކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މަދަހަ ކިޔަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ މި ހަފުތާ ބުރާސްފަތި ދުވަހެވެ.

ޖުމްލަ 10 ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ބާއްވާނީ ފެބްރުއަރީގެ ފުރަތަމަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތަފާތު އެކި އުމުރުފުރައަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފަސް އަހަރާއި 18 އަހަރާ ދެމެދުގެ އުމުުރުފުރައިގެ ކުދިންނަށް ބައިވެރިވެވޭނެއެވެ. ނަމަވެސް މިއީ ލިމިޓެޑް ސީޓިން ޕްރޮގްރާމެކެވެ. އެެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 120 ކުދީންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

މަދަހަ ކިޔަން ދަސްކޮށްދޭ ޕްރޮގްރާމްގެ ދަށުން ރާގަށް މަދަހަ ކިޔުމާއި އަމިއްލަ ޕިޗް ރަނގަޅު ކުރާނެ ގޮތުގެ އިތުރުން މަދަހަ ނެގުމުގައި ވިސްނަން ޖެހޭ ކަންތައްތައް ކިޔައިދޭޭނެއެވެ.

ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީީން މައުލޫމާތު ދޭގޮތުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް އެދި ރަށުގެ ގިނަ ބަޔަކު ވަނީ އެދިފައެވެ. އެހެންވީމާ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ވެގެންދާނެ ޕްރޮގްރާމެއް ކަމުގައި ބެލެވޭ ކަމަށް ކޮމިޓީން ގަބޫލު ކުރެއެވެ.

comment ކޮމެންޓް