އެސްޓީއޯއިން ޒުވާނުން ތަމްރީނު ކުރަނީ

އެސްޓީއޯ--

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހާއްސަ އެޕްރެންޓެސްޝިޕް ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

އެގޮތުން ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި އެސްޓީއޯއިން ވަނީ ބައިވެރިވެފައެވެ.

އެޕްރެންޓެސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯއިން ޖުމްލަ ހަ ދާއިރާއަކުން 26 ސްލޮޓަކަށް ޒުވާނުން ތަމްރީނު ކުރާނެއެވެ.

އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް، ރީޓެއިލް ސާވިސް އަދި ވެލްޑިން ޓެކްނިކްސްގެ އިތުރުން އޮޓޮމޯޓިވް މެއިންޓަނަންސް، ޕޮޓޯގްރަފީއާއި މީޑީއާ ޕްރޮޑަކްޝަން އަދި ރެފްރިޖިރޭޝަން އެންޑް ކޮންޑިޝަނިންއެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީން ޕްރޮގްރާމްތައް ހިންގާނީ
މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްތަކަށް ފެތޭ ގޮތަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ޒުވާނުން ތަމްރީނުކުރާނީ ކުރިމަތިލާފައިވާ ދާއިރާއަކާ ގުޅޭ ގޮތުން އަމަލީ ތަޖުރިބާ ވެސް ދީގެންނެވެ. މި ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބޭނެއެވެ.

މި ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް އަމަލީ ތަޖުރިބާ ހޯދުމަށް އެސްޓީއޯގައި މަސައްކަތްކުރާ އިރު، އެލަވަންސެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ ގަޑިއިރަކަށް 40 ރުފިޔާއެވެ.

comment ކޮމެންޓް