ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ކުރިމަތީ ނުލާތީ އިލެކްޝަންސްގެ ކަންބޮޑުވުން

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މީހުން ކުރިމަތި ނުލާތީ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ރަށްތަކަކީ ގއ. ގެމަނަފުށި، ހއ. ތަކަންދޫ އަދި ތ. ވިލުފުއްޓެވެ.

އެއިން ކޮންމެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެކަކު ވަނީ އިސްތިއުފާދީފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ "ސަން"އަށް ވިދާޅުވީ ގާނޫނީ ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި އެ ރަށްތަކުގެ އަންހެނުންގެ ކޮމިޓީގެ އިންތިޚާބު ބާއްވަންޖެހޭ ކަމަށެވެ. ނަމަވެސް އަދިވެސް އެ ކޮމިޝަނުން ކުރިއިއުލާނާ ގުޅިގެން އެއްވެސް މީހަކު ކުރިމަތިލާފައިނުވުމަކީ ކަންބޮޑުވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލުވުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލީ މިދިިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ކުރިމަތިލުމުގެ ސުން ގަޑި ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

"ކުރިން ގަބޫލުކުރިފައިވަނީ ލިބޭ އެލެވަންސް ކުޑަވީމަ ކުރިމަތި ނުލަނީކަމަށް. އެކަމަކު އެ އެލަވަންސް ބޮޑުކުރީމަވެސް ކުރިމަތިލާނެ މީހަކު ނުވެގެން އުޅެން މިޖެހެނީ. އެހެންވީމަ ކުރިމަތިނުލަނީ މުސާރަ ކުޑަވެގެން ކަމަށް ގަބޫލެއް ނުކުރެވޭ،" ހަބީބް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހުސްވެފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކަށް ކުރިމަތިލަނީ އެކަކު ނުވަތަ ދެ މީހަކު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގިނަ ފަހަރަށް އެ ކޮމިޓީގެ ބައި އިލެކްޝަންގައި އިންތިޚާބު ވަނީ އިންޚާބަކާ ނުލައި ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މީހުން ކުރިމަތިނުލާ މައްސަލަ ހައްލުކުރުމަށް ސިޔާސީ ޕާޓީތަކަށް މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކުން ކުޑަކޮށް މަސައްކަތް ކޮށްލައިގެން މިކަން ރަނގަޅަށް ދާނެހެން ހީވަނީ،" ހަބީބް ވިދާޅުވިއެވެ.

ޕާޓީ ތަކުގެ ފަރާތުން މި ކޮމެޓީއަށް މީހުން ނެރުމަށް މާ ބޮޑު އިސްކަމެއް ނުދޭކަމަށް ވެސް ހަބީބް ފާހަގަ ކުރެއްވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާވުމުން މި އިންތިޚާބަށް އެންމެ އެދެވޭ ގޮތަށް ތައްޔާރު ނުވެވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް