ހިޔާ ފްލެޓުގައި އިތުރު ދެ ފިހާރަ ހަދަނީ، މާޗް މަހަށް ނިމޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓްގައި އިތުރު ދެ ފިހާރަ ހަދަން ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

ތިން މަސް ދުވަހުން ނިންމާގޮތަށް ހަވާލުކުރެވުނީ ކާބޯތަކެތި ވިއްކާ ފިހާރަ އަކާއި ރީޓެއިލް ސްޓޯރެކެވެ.

އެޗްޑީސީން ބުނީ މި ދެ ފިހާރަ ވެސް އަޅަނީ ހިޔާ ފްލެޓްގެ އެޗް1 ޓަވަރުގެ ތިރީ ފަންގިފިލާގައި ކަމަށެވެ.

ކާބޯތަކެތީގެ ފިހާރަ އަޅަން ހަވާލު ކުރީ ވީލަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ހަޒާޝް އެންޓަޕްރައިޒަސްއާ ހަވާލުކުރީ ރީޓެއިލް ސްޓޯރެވެ.

ހިޔާ ފްލެޓްގައި ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ އޮކްޓޯބަރު މަހުގައެވެ. އެއީ 12 ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައި 'އެޗް.ސީ.ޔޫ މާޓު'ގެ ނަމުގައި ހުޅުވި ކާބޯތަކެތި ވިއްކާ ފިހާރައެކެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ކެފޭއަކާއި ފާމަސީއަކާއި ކްލިނިކެއް ހެދުމުގެ އެއްބަސްވުންތަކާ ބެހޭ މަސައްކަތްވެސް ކުރިއަށް ދާކަން އެޗްޑީސީގެ މީޑީއާ އޮފިޝަލު އަލީ މަޝާރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރެއިން ކްލިނިކާއި ފާމަސީވެސް ހެދުމަށް ހަމަޖެހިފައި ވަނީ 12 ވަނަ ޓަވަރުގައެވެ. އަދި ކެފޭ ހެދުމަށް ހަމަޖެހިފައި ވަނީ 15 ވަނަ ޓަވަރުގައެވެ.

ހިޔާ ފްލެޓްތަކުގައި މީހުން އާބާދުވަމުން ދާއިރު، މީހުނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދެއެވެ. މި މަހުގެ ނިޔަލަށް ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް ނިމޭނެކަމަށް ކުރިން ކަނޑައަޅާފައި އޮތް ނަމަވެސް، ހިޔާ ފުލެޓުގެ ކުލި ނުނަގާ މުއްދަތު ތިން މަހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިތުރު ކޮށްދެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެހެންކަމުން މިހާރު ގްރޭސްޕޯރޮއަޑްގެ މުއްދަތު ހަމަވާނީ މާރޗް މަހުގެ ނިޔަލަށެވެ.

comment ކޮމެންޓް