ދިވެހި ނޫސްވެރިން ތަމްރީނުކުރަން އިންޑިއާއަށް ފޮނުވަނީ

އިންޑިއަން ހައި ކޮމިޝަނާއެކު އެމްއެމްސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން---- ފޮޓޯ/ އެމްއެމްސީ

އަވައްޓެރި އިންޑިއާއިން، ދިވެހި ނޫސްވެރިންނަށް ތަމްރީނުވުމުގެ ފުރުސަތުތައް ހޯދައިދިނުމާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާ(އެމްއެމްސީ) އިންޑިއަން ހައި ކޮމިޝަނާ ދެމެދު މަޝްވަރާތަކެއް ކޮށްފިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު މިސްޓަރު ރޯހިތު ރިތިޝްމިއާއެކު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުންތަކުގައި އެމްއެމްސީގެ ރައީސް ސަހުބާން ފަހުމީއާއި މެންބަރު އަލީ ހުސެއިން، މެންބަރު އިބްރާހިމް ފައުޒީ، މެންބަރު މުހައްމަދު ޝަފާއު ހަސަންގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރު ވަނީ ބައިވެރިވެޑައިގެންފައެވެ.

އެމްއެމްސީން ބުނީ އިންޑިއާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އިންޑިއާގެ ތައުލީމީ ހިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމުގެ އިތުރުން ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް އޮންލައިންކޮށް ހިންގުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.

ހަމައެހެންމެ ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން އިތުރަށް ބުނީ މި މަޝްވަރާތަކުގައި ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ހައި ކޮމިޝަނުން ދީފައިވާކަމަށެވެ.

comment ކޮމެންޓް