އެމްއެމްއޭސީއާއި އެސްއެސްޓީވީ ގުޅިގެން ޕްރޮގުރާމުތަކެއް ފަށަނީ

މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރާއި އެސްއެސްޓީވީއާ އެކު އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ/ މުހައްމަދު މާހިލް އާތިފް

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ)އާއި އެސްއެސްޓީވީ ގުޅިގެން ޕްރޮގުރާމުތަކެއް ހިންގަން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން އެމްއެމްއޭސީގެ ފަރާތުުން ކުރިއަށް ގެންދާ ތެލެތޯންތަކާއި އެ ނޫން ވެސް އެކި ކަހަލަ ކޮންޓެންޓު އެސްއެސް މީޑިއާ މެދުވެރިކޮށް އުފައްދާނެއެވެ.

އަދި، ދެ ފަރާތުން ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވުމާއި އެމްއެމްއޭސީގެ ފަރާތުން އުފައްދާ ދަރިވަރުންގެ ހުނަރު ދައްކައިލުމުގެ ޕްރޮގްރާމުތައް އެސްއެސްޓީވީ މެދުވެރިކޮށް ގެނެސްދެވޭނެއެވެ.

ސަން ސިޔާމް މީޑިއާގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެސްއެސްޓީވީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސާ މުހައްމަދު ޒަހީނެވެ. އެމްއެމްއޭސީގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަލީ އަބްދުއްރަހީމެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އަލީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއަށް ހުޅުވައިލައިގެން ޓެލެންޓު ޝޯއެއް ރޭވިފައިވާ ކަމަށެވެ.

އެމްއެމްއޭސީގެ ޗެއާމަން އަލީ އަބްދުއްރަހީމް -- ސަން ފޮޓޯ

"އާޓް އެންޑް ކޮރާފްޓް، ކްރިއޭޓިވް އާޓް އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މިހާރު މަސައްކަތް ކުރާ އަދި މި ދާއިރާއަށް އިތުރަށް ނުކުންނަށް ބޭނުންވާ ކުދިންނަށް ވެސް އަޅުގަނޑުމެންގެ ޕްރޮގްރާމުތައް މެދުވެރިކޮށް ހަރަކާތްތަކެއް ހިންގުމަށާއި އެ ކުދިންނަށް އިތުރު ފުރުސަތު ދިނުމަށް ގަސްތުކުރަން،" އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން، މިއުޒިކާއި އާޓްގެ ދާއިރާއަށް އަލަށް ނުކުންނަ ކުދިންނަށް ޕްލެޓްފޯމެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.

މިގޮތުން، އެމްއެމްއޭސީން ބާއްވާ ބައެއް މުބާރާތްތަކުގައި ވެސް އެސްއެސްޓީވީއާ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް