ސެންޓްރަލް ޒޯން ވޮލީ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ

ވީއޭއެމްގެ އިސްވެރިން، މުބާރާތް ހޯސްޓްކުރުމަށް ލިބުނު ރަމްޒީ ފްލެގް ބެރިއާ އާ ހަވާލު ވަނީ --- ފޮޓޯ: ވީއޭއެމް

ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސެންޓްރަލް ޒޯން ވޮލީ ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަނުން އިއްޔެ ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ނިންމާފައިވަނީ އަންހެން އަދި ފިރިހެން ވޮލީބޯޅަ މުބާރާތް ވެސް ރާއްޖޭގައި ބޭއްވުމަށެވެ. މިދިޔަ އަހަރު ރާއްޖޭގައި އަންހެން ވޮލީބޯޅަ މުބާރާތް ބާއްވަން މީގެ ކުރިން ހަމަޖެހުނުނަމަވެސް، ކޮވިޑާ ގުޅިގެން އެމުބާރާތް ބާއްވާފައެއް ނުވެއެވެ.

މިއަދު ބަންްގްލަދޭޝްގައި ބޭއްވި އޭވީސީ އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބައްދަލުވުމުގައި ވަނީ އަންނަ އަހަރުގެ ސެންޓްރަލް ޒޯންގެ ދެ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ދީފައެވެ. މިއީ މިފަހުން ރާއްޖޭގެ ވޮލީ ބޯޅަ އެސޯސިއޭޝަނުގެ ރައީސަކަށް އިންތިހާބުވެވަޑައިގަތް މުހައްމަދު ރަނޭޝްގެ ދައުރުގައި ރާއްޖޭގައި ބާއްވާނެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތްތަކެވެ.

މި މުބާރާތް ބާއްވާނެ ސީދާ ތާރީހެއް އަދި އިއުލާން ނުކުރެއެވެ. ރާއްޖޭގައި އެންމެ ފަހުން ސެންޓްރަލް ޒޯން މުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ.

މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯންގައި މުބާރާތުގައި ރާއްޖެ ބައިވެރިވި ނަމަވެސް، ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށް އެއްވެސް މެޗަކުން މޮޅެއް ލިބިފައެއް ނުވެއެވެ. އެގޮތުން ފިރިހެން ވޮލީ ޓީމު ކުޅުނު ފަހު މެޗުން ސްރީ ލަންކާ އަތުން 3-1 ސެޓުން ވަނީ ބަލިވެފައެވެ. އޭގެ ކުރިން ނޭޕާލް އަތުން ސީދާ ތިން ސެޓުން ރާއްޖެ ވަނީ ބަލިވެފައެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުބާރާތްތަކަށް އަލަށް ގެނައި ބަދަލުތަކާއެކު ކާވާގެ މެންބަރު 14 ގައުމުގެ ތެެރެއިން އެންމެ ވަރުގަދަ 8 ގައުމު ވާދަކާރާނީ ކާވާ ނޭޝަންސް ލީގުގައެވެ. އެހެން ގައުމުތައް ވާދަކުރާނީ ކާވާ ސުޕަކަޕްގައެވެ. އެގޮތުން ރާއްޖެ ހިމެނޭ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެެެންމެ މޮޅު 3 ޓީމު އަދި ސެންޓްރަލް އެޝިއާގެ ގައުމުތަކުން ހަތަރު ޓީމު ކާވާ ނޭޝަންސް ލީގަށް ކޮލިފައިވާނެ އެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި އަންނަ އަހަރު ކާވާ އިން ބާއްވާނެ މުބާރާތްތައް ހިމެނޭ ކަލަންޑަރު މެންބަރު ގައުމުތަކުން ފާސްކޮށްފައިވާއިރު ސެންޓްރަލް އޭޝިއަން ވޮލީބޯޅަ ޗެލެންޖް ކަޕަކީ އަލަށް ކާވާއިން ތައާރަފްކުރި މުބާރާތެކެވެ.

comment ކޮމެންޓް